ޚަބަރު

ކަޅުވަކަރު މިސްކިތް ބަހައްޓާ ތަނާމެދު ޢިލްމުވެރިންގެހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކުރަނީ


ކަޅުވަކަރު މިސްކިތް ބަހައްޓާތަނާމެދު ޢިލްމުވެރިންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، އެކަމާމެދު މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު އެކަމާ ގުޅޭގޮތުން އިލްމީ ގޮތުން ޚިޔާލުފާޅުކުރަމުންދާތީ އުފާކުރައްވާ ކަމަށެވެ. އަދި މިސްކިތް ބަހައްޓާތަނާމެދު ޢިލްމުވެރިންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު ސަރުކާރުން އެކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ސަރުކާރުން ނިންމާފައިވަނީ ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ބިމުގައެވެ. މިކަމާމެދު ޢިލްމުވެރިންގެ ކަންބޮޑުވުމަކަށްވީ އެތަނުގައި އިސްލާމީ މަރުކަޒު ހުރުމާއެކު، މިސްކިތެއްގެ ކުރިމަތީގައި މިސްކިތެއް އެޅުން ރަސޫލާ ނަހީކުރައްވާފައިވުމެވެ. މިމައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ކަނބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެގޮތުން ނަމާދުކުރާ މިސްކިތެއް ގޮތުގައި ކަޅުވަކަރު މިސްކިތް އަލުން ރާވާނަމަ، މިސްކިތެއް ކުރިމަތީގައި އެމިސްކިތް ރޭވުން ރަނގަޅު ނޫންކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

މިމައްސަލައިގައި ބައެއް ޢިމްލުވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރު، ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައަޅާފައިވަނީ، ޢާންމުންނާއި ކަމާބެހޭ މާހިރުންނާއި، ވަޒީރުންގެ ފެންވަރުގައިވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުއެވެ. ކަޅުވަކަރު މިސްކިތަކީ ދިވެހި ތާރީޚްގެ ރަމްޒެއްކަން ފާހަގަކުރައްވައި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ 200 އަހަރުގެ ދިގު ތާރީޚެއް އޮތް ކަޅުވަކަރު މިސްކިތް، ކުޅޭ ތަނެއް ހެދުމަށް ނެގުމަކީ މައްސަލައެއް ކަމަށެވެ.

ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށް ބޭނުންވާނެ ވަޑިންނާއި މުވައްޒަފުން ހޯދުމަށްވެސް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން މިއަދު ވަނީ އިޢުލާންކޮށްފައެވެ.

ކަޅުވަކަރު މިސްކިތަކީ އެތައް ޚާއްޞަކަމެއް އެކުލެވިގެންވާ އެހެން މިސްކިތްތަކާ ޚިލާފު މިސްކިތެކެވެ. މުޅިން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރި އެވަރުގެ ދެވަނަ މިސްކިތެއް މުޅި ރާއްޖޭގައި ވެސް ނެތެވެ. އެހެންކަމުން ކަޅުވަކަރު މިިސްކިތް ރަމްޒުކޮށްދެނީ މިފަދަ ހިރިގަލުން ހަދާފައި ހުރި ހުރިހާ މިސްކިތެއްކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވެފައިވެއެވެ.