ޖަޕާނުގައި ނޫއުރަހަ ކަންނެއްޏެއް 3.1 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.
278 ކިލޯގެ ކަންނެލި 3.1 މިލިއަން ޑޮލަރަށް ވިއްކާލާފައިވަނީ އާ އަހަރާ ދިމާކޮށް ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މަސްމާރުކޭޓެއްގައި ކުރިއަށްދިޔަ ނީލަމެއްގެ ތެރެއިންނެވެ. ރެކޯޑް އަގަކަށް މިކަންނެލި ގަނެފައިވަނީ ޖަޕާނުގައި ގިނަ ރެސްޓޯރަންޓްތަކެއް ހިންގާ ސޫޝީޒަންމައި ރެސްޓޯރެންޓްތަކުގެ ވެރިޔާ ކިޔޯޝީ ކިމޫރާއެވެ.
މިމަސް ބާނާފައިވަނީ ޖަޕާނުގެ އުތުރުގައި އޮންނަ އައޮމޯރީ ސަރަޙައްދުގެ މަސްވެރިންނެވެ.
ސޫޝީޒަންމައި ރެސްޓޯރެންޓް ޗޭނަކީ ޖަޕާން ރައްޔިތުންގެ އިތުރުން ފަތުރުވެރިންގެ މެދުގައިވެސް މަޤްބޫލް ރެސްޓޯރެންޓުތަކެކެވެ. މި ރެސްޓޯރެންޓުން ނިގިރި، ސަޝިމީ ފަދަ ފެންވަރު ރަނގަޅު ސޫޝީގެ ބާވަތްތައް ލިބެން ހުރެއެވެ. ޖަޕާންގެ އެކި ސަރަޙައްދު ތަކުގައި ސޫޝީޒަންމައިގެ 30 ރެސްޓޯރެންޓެއް ހުރެއެވެ.
ސޫޝީ ޒަންމައިގެ ވެރިޔާ ކިޔޯޝީ ކިމޫރާ ބުނީ އޭނާ ގަތް ނޫ އުރަހަ ކަންނެލި ތާޒާވެފައި ވަރަށް މީރުވާނެ ކަމަށް ފެންނަ ކަމަށާއި، ނަމަވެސް ހީކުރި ވަރަށްވުރެ ބޮޑު ހޭދައެއް މިކަމަށް ކުރެވިއްޖެ ކަމަށެވެ. އަދި އޭނާ އުއްމީދު ކޮށްގެންހުރީ މި ކަންނެލި އެންމެ އަގުބޮޑުކޮށްވެސް ފަންސާސް ހާހެއްހާ ޑޮލަރަށް ގަތުމަށްކަމަށް ކިމޫރާ ބުންޏެވެ.
ކިޔޯޝީ ކިމޫރާއަކީ "ޓޫނާ ކިންގ" ނުވަތަ ކަންނެލީގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ވެފައިވާ މީހެކެވެ. އޭނާވަނީ 2013 ވަނަ އަހަރުވެސް ރިކޯޑު އަގެއްގައި ކަންނެއްޏެއް ނީލަމުގައި ގަނެފައެވެ. އެފަހަރު އޭނާ ކަންނެލި ގަނެފައިވަނީ 1.7 މިލިއަން ޑޮލަރަށެވެ. މިފަހަރުގެ ކަންނެލި އޭނާ ގަތީ މީގެ ދެގުނަ ބޮޑު އަގެއް ދައްކާފައެވެ. ފާއިތުވި އަހަރުތަކުގައި އައު އަހަރާ ދިމާކޮށް ޖަޕާނުގައި ކުރިއަށްގެންގޮސްފައިވާ ކަންނެލި ނީލަންތަކުގައި އެންމެ ބޮޑު އަގުތައް ހުށަހަޅާފައިވަނީވެސް ކިމޫރާއެވެ.
މިއީ ޓޮޔޮސު މަސް މާރުކޭޓުގައި އައު އަހަރާ ދިމާކޮށް ކަންނެލީގެ ނީލަން ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އައު އަހަރުގެ ނީލަން ބާއްވަނީ ޓޯކިޔޯގެ މަޝްހޫރު ސުކިޖީ މަސް މާރުކޭޓުގައެވެ. ނަމަވެސް 2020 ވަނަ އަހަރު ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ހޫނު މޫސުމުގެ އޮލިމްޕިކްސްއަށް ތައްޔާރުވުމުގެ ގޮތުން އެ މާރުކޭޓު މިހާރުވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
އާންމު ގޮތެއްގައި މި ސައިޒުގެ ނޫއުރަހަ ކަންނެއްޏެއް ފަސްދޮޅަސް ހާސް ޑޮލަރަށް ވިކުނު ނަމަވެސް، މި ނީލަމަކީ މިފަދަ އެންމެ މަޝްހޫރު އެއް ނީލަން ކަމާއިއެކު، މި ނީލަމުގައި މަހުގެ އަގުތައް އުފުލިގެންދެއެވެ. މީގެ އިތުރުން ނޫ އުރަހަ ކަންނެއްޏަކީ ނިސްބަތުން މަދު މަހެއް ކަމުންވެސް އެ މަހުގެ އަގު އުފުލެއެވެ.
ނޫ އުރަހަ ކަންނެއްޏަކީ ވަރަށް މަދުން ފެންނަ މަހުގެ ބާވަތަކަށްވާއިރު ބައެއް ޤައުމުތަކުގައި ނޫއުރަހަ ކަންނެލި ބޭނުމަކީ މަނާކަމެކެވެ.