ސިޔާސީ

އެމްޑީއޭގެ ކޮންގްރެސް މިމަހުގެ 6،7ވަނަ ދުވަހު ބާއްވަނީ


މޯލްޑިވިއަން ޑިމޮކްރަޓިކް އެލަޔަންސް އެމްޑީއޭގެ ކޮންގްރެސް މިމަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހު ބާއްވާގޮތަށް އެޕާޓީން ނިންމައިފިއެވެ.މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޑީއޭގެ ސްޕޯކްސް ޕާސަން ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ، އެޕާޓީގެ ކޮންގްރެސްގައި ޖުމްލަ ހަތްދާއިރާއަކުން ވާދަކުރާނެކަމަށެވެ.މިގޮތުން އެޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސްކަމާ އަންހެނުންގެ ގޮފީގެ ރައީސްކަމާ އަދި އިތުރު ދިހަމެންބަރުން އިންތިޚާބުކުރުން ކުރިޔަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮންގްރެސްގެ ތެރޭގައި އެޕާޓީގެ އަސާސީ ޤަވާޢިދަށް ބޮޑަތި ބަދަލުތަކެއް ގެނެވޭނެކަމަށްވެސް އާމިރު ވިދާޅުވިއެވެ.އެމްޑީއޭގެ ކޮންގްރެސް ގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެއަންނަ ފަރާތްތައް މިމަހުގެ ފަސްވަނަ ދުވަހު މާލެއައުމަށް ހަމަޖެހިފައިވާކަމަށާ ކޮންގްރެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައިކަމަށް އެޕާޓީން މައުލޫމާތުދެއެވެ.