ވިޔަފާރި

ދިވެހި އާހިތައަށް ހުށަހަޅާފައިވާ ވީޑިއޯތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ކުރިއަށްގެންދާ އެޑްވެންޗާރސް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތް، ދިވެހި އާހިތައަށް ހުށަހަޅާފައިވާ ވީޑިއޯތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވައިފިއެވެ.

މިއަހަރުގެ މުބާރާތަށް 27 ވީޑިއޯ ހުށަހަޅާފައިވާއިރު މިވީޑިއޯތަކަށް މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ވޯޓުލެވޭނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

މި މުބާރާތައް ހުށަހަޅާފައިވާ ވިޑިއޯތަކަށް ވޯޓުލުމަށްޓަކައި ވިޒިޓް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ޒިޔާރާތްކުރުމުން ވޯޓުލެވޭނެއެވެ. ވިޑިއޯތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ރިއެކްޓް ލިބޭ 10 ވީޑިއޯއެއް ހޮވާއިރު މީގެ ތެރެއިން އެއްވަނައަށް ދާނީ ޖަޖުންގެ އިއްތިފާޤުން އެންމެ ރީތި ވީޑިއޯއެކެވެ. އެގޮތުން އެއްވަނައަށް ދާ ފަރާތަށް ސަތޭކަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް ދާ ފަރާތަކަށް ވިހި ހާސް ރުފިޔާގެ އިނާމެއް އަދި ތިންވަނައަށް ދާ ފަރާތަކަށް ގޯޕްރޯ ހީރޯ ފައިވްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ގަދަ 10 އަކަށް ހޮވޭ ވީޑިއޯތައް އެމް.އެމް.ޕީއާރު.ސީގެ ޔޫޓިއުބް ވިޑިއޯ ޗެނަލްއާއި އެހެނިހެން ސޯޝަލް މިޑިއާ ޕްލެޓްފޯރމްތަކުން އިޝްތިހާރުކުރާނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

މިމުބާރާތަކީ ދިވެހިންނާއި ފަތުރުވެރިންގެ ބައިވެރިވުމާއިކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން އެމް.އެމް.ޕީ.އާރު.ސީން ކުރިއަށްގެންދާ ހަރަކާތެކެވެ.