ޚަބަރު

އަތޮޅުތަކަށް ދީނީ އިލްމުވެރިން ފޮނުވައިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގާނަން- އިސްލާމިކް މިނިސްޓަރ


ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދީނީ އިލްމުވެރިން ފޮނުވައިގެން، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަވާނެކަމަށް އިސްލާމިކް މިިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވެެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސް ލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ދަރުސް ޕްރޮގްރާމްގައި ނައިބް ރައީސް ފައިސަލް ނަސީމް އާއި އިސްލާމިކް މިނިސްޓަރ ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން އިސްލާމިކް މިިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ މި ފެށި މަސައްކަތަކީ މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ ރިވެތި އާދަތައް އަށަގެންނެވުމަށް ފެށި ޕްރޮގްރާމެއްކަމަށެވެ. އެގޮތުން މީގެ ޕްރޮގްރާމްތައް މަދުވެގެން ކޮންމެ ދެމަހުން އެއްމަހު ބާއްވަމުން ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ދީނީ ނަސޭހަތްދިނުމާއި، ފިޤްހީ މައްސަލަތަކާއި ގުޅޭގޮތުން ކިޔައިދިނުމުގެ ސެޝަންތައް ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މި ޕްރޮގްރާމްތައް ވަކި އުމުރުފުރައެއް ވަކި ބައެއް ތަފާތުކުރުމެއް ނެތި ކުރިއަށްގެންދިއުމާއި، އަތޮޅުތެރެއަށް އިލްމުވެރިން ފޮނުވައިގެންވެސް ސެޝަންތައް ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

"ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ތަފާތު ދާއިރާތަކުގެ މީހުންނާއި، ސުކޫލް ކުދިންނާއި، ކުޑަކުދިންގެ ހިޔާ، ގައިދީން ހިމަނައިގެން ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތަކާއި، އަދި މިނޫންވެސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނަން." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ދީނީ ދަރުސް ދިނުމުގެ ފުރަތަމަ ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ އައްޝައިޚް އިލްޔާސް ޙުސައިންއެވެ. ދަރުސްގެ މަޢުޟޫއަކީ "ބާއްޖަވެރި އާއިލާ"އެވެ. އައްޝެއިހް އިލްޔާސް ޙުސައިން ވިދާޅުވީ އާއިލާ ބާއްޖަވެރިވެ ހިތްހަމަޖެހުން ގެނުވަނީ މުދަލާއި ފައިސާއިން ނޫންކަމަށެވެ. ލޯތްބާއި، އަޅާލުމާއި އޯގާތެރިކަން ނެތް އާއިލާއެއްގައި ހަމަޖެހުން ނޯންނާނެކަމަށް ޝައިޚް ވިދާޅުވިއެވެ.

އަދި އާއިލާގެތެރޭގައި ހަމަޖެހުން ޤާއިމުކުރުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ﷲގެ ހަޒުރަތުގައި ދުޢާ ދެންނެވުންކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. އަދި ދީނީ އިރުޝާދުތަކަށް ޢަމަލުކުރުމާއި، ޤުރުއާނާއި ސުންނަތުން އައިސްފައިވާ މިސާލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށްވެސް ޝައިޚް ގޮވާލެއްވިއެވެ.

ޝައިޚް އިލްޔާސް ވަނީ ކޮންމެ އާއިލާއެއްގެވެސް އެންމެ މުހިންމު ފަރާތަކީ މަންމަ ކަމަށްވާއިރު، މަންމަގެ މައްޗައް އެއްވެސް މީހެއް އަދި އެއްވެސް ކަމެއް އިސްނުކުރުމަށް ގޮވާލައްވާފައެވެ. އަދި އާއިލާގެ އެކިއެކި ނިންމުންތަކުގައި މައިންބަފައިގެން ޚިޔާލު ހޯދުން އިސްކުތަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

"މައިންބަފައިގެން ދަރަޖަ މަތިވެރިވެގެންވޭ. އަބިން ރުއްސުމަށް މައިންނަށް އެއްޗެހި ކިޔުމަކީ ބޮޑެތި ފާފަ. ޒަވާޖީ ޖަޔާތް ފެށުންފަދަ ނިންމުންތަކުގައި މައިންގެ ރުހުން ހޯދަންޖެހޭ. އަދި ހަމައެހެންމެ ގާތްތިމާގެ ގުޅުން ކެނޑުމަކީވެސް އާއިލީ ހަމަނުޖެހުމަށް ހުށައެޅޭކަމެއް." ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، އާއިލާއާއިއެކު ވަގުތު ހޭދަކުރުމަކީ އާއިލީ ގުޅުން ބަދަހިވެ ބާއްޖަވެރި އާއިލާއެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށެވެ.