ޚަބަރު

ފިޝަރީޒް މިނިސްޓްރީން ހުޅުވާލި ލޯނަށް އެދޭ މުއްދަތު އިތުރުކޮށްފި


މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ވެލިއު އެޑެޑް ބާވަތްތަށް އުފެއްދުމަށް ބޭނުންވާ ފަރާތަކަށް، ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން މައުލޫމާތުދެއްވާ ގޮތުގައި މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރުކުރެއްވީ ވީހާވެސް ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކޯރޕަރޭޓިވްސް ނުވަތަ ކުންފުނިތަކަށް އަމާޒުކުރައްވައިގެން މަސްވެރިކަމާ ދަނޑުވެރިކަމުގެ ބާވަތްތަކުން ވެލިއުއެޑެޑް ތަކެތި އުފައްދާ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ދޫކުރާ މިލޯނަކީ، އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވްލޮޕްމެންޓްގެ ދަށުން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ލޯނެކެވެ.މި ލޯން ސްކީމުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން ފަންސަވީސްހާސް ރުފިޔާއާ 4 ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.އެންމެ ގިނަވެގެން 8 އަހަރުގެ ތެރޭގައި ދައްކާ ޚަލާސްކުރާގޮތަށް 9 ޕަސެންޓް އިންޓްރެސްޓް ނަންގަވާ ގޮތަށް ދޫކުރައްވާ މިލޯނު އަދާކުރުމަށް ހަމަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެއްވާ ގޮތަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އަދި މި ލޯނު ދިނުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމުގައި ހަރަކާތްތެރިވާ އަންހެނުންނަށް އިސްކަންދެއްވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ފަންސަވީސްހާސް ރުފިޔާއަށްވުރެ މަތިން ލޯނުނަގާ ފަރާތްތަކުން ރަހުނު ބަހައްޓަންޖެހޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.