ޚަބަރު

ބައިނަލްއަޤްވާމީ މިންގަނޑުތަކާ ޚިލާފަށް ރާއްޖޭގެ ޖަލުތަކުގައި ގައިދީން ގެންގުޅޭ- ޕްރިޒަން އޯޑިޓް ކޮމިޝަން


ޤާނޫނާއި ޤަވާއިދުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ޚިލާފަށް ރާއްޖޭގެ ޖަލުތަކުގައި ގައިދީން ގެންގުޅޭކަން ފާހަގަކުރެވިފައިވާކަމަށް ކޮމިޝަން އޮފް ޕްރިޒަންސް އޯޑިޓުން ބުނެފިއެވެ.

ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ދެނެގަތުމަށް ކޮމިޝަން އޮފް ޕްރިޒަންސް އޯޑިޓުން ހަދާ އޯޑިޓާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އައްޝައިޚް އަޙްމަދު ޢަބްދުލް ކަރީމް ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ދެނެގަތުމަށް އެކޮމިޝަނުން ޚާއްސަ އޯޑިޓެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަނަށް މިހާތަނަށް ފާހަގަކުރެވިފައި ހުރި ކަންތައްތަކުގެ ތެރޭގައި، ޤާނޫނާއި ޤަވާއިދާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޚިލާފަށް ޖަލުތަކުގައި މީހުން ގެންގުޅޭ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޖަލުތަކުގައި މީހުން މަރުވުމާއި، ސިއްޙީ ފަރުވާ ދިނުމުގައި ލަސްވުމާއި، ލާއިންސާނީ ގޮތުން ޖަލުތަކުގައި އަނިޔާކުރާ މައްސަލައަކީ އެކޮމިޝަނުން ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ދެނެގަތުމަށް އޯޑިޓް ހެދުމުގައި މައިގަނޑު ހަތަރު ދާއިރާއަކަށް ބަލާނެ ކަމަށް ކޮމިޝަނުން ބުނެއެވެ. އޭގެ ތެރޭގައި ކަމާގުޅުން ހުރި ދާއިރާތަކާއި ބައްދަލުކޮށް މަޢުލޫމާތު އެއްކުރުމާއި، ޤާނޫނާއި ޤާވާއިދުތަކާއި، ޖަލުތަކާއި ގުޅޭ ގޮތުން ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހަދާފައިވާ ރިޕޯޓު ދިރާސާކުރުމާއި، އޭގެ ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރެވިފައި ހުރި މިންވަރު ބެލުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން ޖަލުގައި މީހުން މަރުވުމާއި، ސިއްޙީ ފަރުވާ ލަސްވުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، ޤައިދީންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ އަސާސީ ޙައްޤުތަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެމުން ގެންދޭތޯވެސް ބަލާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ދެނެގަތުމަށް ކުރިން އެންގުމަކާ ނުލައި ޖަލަށް ޒިޔާރަތްކުރުންވެސް މިއޯޑިޓްގައި ހިމެނޭ ކަމަށް ކޮމިޝަނުން ބުނެއެވެ.
ޖަލަތުކާއި ގުޅޭ ގޮތުން އާންމު ފަރާތްތަކުންވެސް ކޮމިޝަނަށް މަޢުލޫމާތު ހިއްސާކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިކޮމިޝަނުންގެ ޖަލުތަކާ ގުޅޭ ގޮތުން ހަދާ އޯޑިޓް 75 ދުވަހުގެ ތެރޭގައި ނިންމާ ހޯމް މިނިސްޓަރަށް ރިޕޯޓު ހުށަހަޅަންޖެހެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިޞްލާޙު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމާއި، އެ ރިޕޯޓަށް ރިޢާޔަތްކޮށް ޖަލުތަކުގެ ކަންކަން އިޞްލާހްކޮށް ގައިދީންގެ ޙައްޤުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ޙައްޤުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުން ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.