ޚަބަރު

ކަޅުވަކަރު މިސްކިތް ރޭވުމުގައި ބައިވެރިވާން ބޭނުންތަ؟


ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރަތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންވަނީ ކަޅުވަކަރު މިސްކިތް ރޭވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ނަމާއި އީމެއިލް އެޑްރެސް ޖެހުމަށްފަހު މިނިސްޓްރީގެ ނަމްބަރު 7947266 އަށް އެސްމްއެސް ކުރުމަށް ހެރިޓޭޖުންވަނީ އެދިފައެވެ. ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ފެށުމަށްޓަކައި އަދި ވަކި ދުވަހެއް ކަނޑައަޅަފައި ނުވާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

ކަޅުވަކަރު މިސްކިތުގެ ބައިތައް ހޯދައި އެތަން އަލުން ރޭވުމަކީ ސަރުކަރުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ. އެގޮތުން މިސްކިތުގެ ބައިތައް ހޯދައި، އާންމުންގެ ޚިޔާލާއެކު ސަލްޓަން ޕާކުގައި މިސްކިތް އަލުން ބެހެއްޓުމަށް ސަރުކާރުން ނިންމެވީ މިދިޔަ ޑިސެމްބަރުމަހުގެ 25ވަނަ ދުވަހުއެވެ.

މިސްކިތް ބެހެއްޓުމަށް ނިންމާފައިވަނީ ކުރިންވެސް ބޭނުންކުރަމުން އައިގޮތަށް މިސްކިތުގައި ނަމާދުކުރެވޭގޮތަށެވެ. އަދި މިސްކިތަކީ ދިވެހިންގެ މުއްސަނދި އާސާރާއި، ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ތަނަކަށްވާތީ، ކަޅުވަކަރު މިސްކިތް ވީހާވެސް ރައްކާތެރިކަމާއިއެކު، ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކަޅުވަކަރު މިސްކިތަކީ ކަޅުވަކަރާއި ހިރިގާ ބޭނުންކޮށްގެން ހަދާފައިވާ، ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ މިސްކިތެކެވެ. ބެލެވޭގޮތުގައި ކަޅުވަކަރު މިސްކިތަކީ 200އަށްވުރެ ގިނަ އަހަރުވެފައިވާ މިސްކިިތެކެވެ.

މި މިސްކިތް ތިންފަހަރެއްގެ މަތިން އެކި ތަންތަނަށް ބަދަލުކޮށްފައިވެއެވެ. އެންމެ ފަހުން ސަލްޓަން ޕާކުގައި ބަހައްޓާފައިވާ މި މިސްކިތް އެތަނުން ނަގާފައިވަނީ ރަސްރަނި ބަގީޗާ ތަރައްޤީކުރުމަށެވެ. އަދި މި މިސްކިތް އެހެން ތަނަކަށް ބަދަލު ކުރުމަށް އޭރު ސަރުކާރުން ނިންމި ނަމަވެސް މިސްކިތް ނުރާވާ ގިނަ ދުވަސްވެ، އާއްމުންގެ ކަންބޮޑުވުންތައް އިތުރުވުމާއި ގުޅިގެން، ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙްވަނީ އެ މިސްކިތުގެ ހައިބަތު ނުގެއްލޭނެހެއް އަލުން މިސްކިތް ބަހައްޓައި ރައްކާތެރިކުރެއްވުމަށް ނިންމަވާފައެވެ.

އެގޮތުން ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ނިންމާފައިވަނީ އިސްލާމީ މަރުކަޒު ކައިރީގައި ކުރިން ދިރާގު ބިލްޑިންގ ހުރި ތަނުގައި ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ. އަދި މިސްކިތް ރޭވުމުގެ ކުރިން، މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމާއި، މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.