ވިޔަފާރި

ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ 100 ދުވަހު ކުރުމަށް ހަވާލުވި ހުރިހާކަމެއް ނިންމައިފި


ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ސިޔާސަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން ކުރުމަށް ކަނޑައެޅި ހުރިހާކަމެއް ކޮށްނިމިފައިވާކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ކޮށްނިންމުމަށް ކަނޑައެޅި ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކަނޑައަޅާ ބަޖެޓް 3 ގުނައަށް އިތުރުކުރުމަށާއި ގެސްޓްހައުސް ވިޔަފާރި ތަރައްޤީކުރުމަށް ގެސްޓްހައުސް މަހާސިންތާއެއް ބޭއްވުން ހިމެނޭކަމަށެވެ. މިގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކާމިޔާބުކަމާއިއެކު އެކަންކަން ހާސިލްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިހިނގާ އަހަރަށް 154.2 މިލިއަނ ްރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. މިއީ މީގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު، 3 ގުނަ އިތުރު އަދަދެކެވެ. މިބަޖެޓާއިއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ދެކެއެވެ.

ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް މޯލްޑިވްސް ގެސްޓްހައުސް ސިމްޕޯސިއަމް ނަމުގައި މަހާސިންތާއެއް ބާއްވާފައިވަނީ، މިދިޔަ ޑިސެމްބަރު މަހު 24 ވަނަ ދުވަހުއެވެ. މި މަހާސިންތާގައި ގެސްޓްހައުސް ވިޔަފާރި ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފައެވެ.
ގެސްޓްހައުސްތަކަށް ހާއްސަކޮށް ބޭއްވުނު މި މަހާސިންތާގެ ސަބަބުން ކުރިއަށްއޮތްތަނުގައި ގެސްޓްހައުސް ވިޔަފާރިއަށް ހެޔޮ ބަދަލުތައް އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.