ޚަބަރު

މިއަހަރު އިތުރު 4 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ފަށަނީ


މިހާރު ހިނގަމުންދާ މަގު ހެދުމުގެ މަޝްރޫއުތަކުގެ އިތުރުން، މިއަހަރު ތެރޭގައި އިތުރު ހަތަރު ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.މިނިސްޓަރ  ވިދާޅުވީ މަގުހެދުމުގެ މަޝްރޫއު މިއަހަރު ފެށޭނެ ހަތަރު ރަށަކީ، ނ.މަނަދޫ، ރ.އުނގޫފާރު، ރ.މީދޫ އާއި ބ އޭދަފުށި ކަމަށެވެ. އަދި އަލަށް ފަށާ މަޝްރޫއުތައް ޓެންޑަރަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި،އީ އައިއޭގެ މަސައްކަތާއި، ޑިޒައިން މަސައްކަތަށް ފަހު، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ ރަށްތަކުގެ މަސައްކަތްވެސް ނިންމާލުން ކަމަށެވެ.އަދި މިހާރުވެސް އަތޮޅުތަކުގެ ދިހަ ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތަށް ބޭނުންވާ ތާރު ރާއްޖެގެނެސް ވީހާވެސް އަވަހަކަށް އެ މަސައްކަތްތައް ނިންމުމަކީ އިސްކަންދެއްވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު މަސައްކަތްތައް ކުރިއަށްގެންދާ ރަށްތަކުގެ ތެރެއިން ނަރުދަމާ އެޅިފައި ނެތް ރަށްރަށުގައި ނަރުދަމާ ގާއިމްކުރެވުނުހާ އަވަހަކަށް ތާރު އެޅުމުގެ މަސައްކަތްތައް ކުރެވޭނޭ ކަމަށްވެސް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.އަތޮޅުތަކުގެ އިތުރުން މާލޭގެ މަގުތައްވެސް އަލުން ޑިޒައިންކޮށް، އާ ޕްލޭނެއްގެ ދަށުން މަގުތައް ހެދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި އެ މަޝްރޫއުވެސް މި އަހަރު ފެށިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ކުރިއަށްދާ މަޝްރޫއުތަކާއި، އަލަށް ފަށާ މަޝްރޫއުތަކާއެކު ޖުމްލަ ސާދަ ރަށެއްގެ މަގުހެދުމުގެ މަސައްކަތް ވަނީ ހިމެނިފައެވެ.