ނިމިދިޔަ 2018 ވަނަ އަހަރު ލިބިވަޑައިގެންނެވި އެންމެ ރަނގަޅު ފިލާވަޅަކީ ހަޤީޤީ ރައްޓެހިންނަކީ ކޮބައިކަން އެނގިވަޑައިގަތުން ކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ފޭސް ބްކުގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ ނިމިދިޔަ އަހަރު ވަރަށް ގިނަގުނަ ފިލާވަޅުތަކެއް ލިބިވަޑައިގެންނެވި ކަމަށާއި އެގޮތުން ނިމުނު އަހަރު ލިބިވަޑައިގެންނެވި އެންމެ ބޮޑު ފިލާވަޅަކީ ޙަޤީޤީ ރައްޓެހިންނަކީ ކޮބައިކަން އެނގިވަޑައިގަތުން ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވެފައިވަނީ އެމަނިކުފާނު އެންމެ ބޭނުންފުޅުވި ވަގުތު ހެޔޮއެދޭ ރަހުމަތްތެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާމެދު އަބަދުވެސް ފަޚްރުވެރިވެލައްވާނެ ކަމަށެވެ. އެގޮތުން ކުރިއަށްއޮތްތަނުގައި ދެމިހުންނަވާނީ އެބޭފުޅުން ތިއްބެވި ތަނެއްގައި އެބޭފުޅުންނާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ ބައެއް އެކުވެރިންނާއެކު ހުންނެވި ފޮޓޯތަކެއް ހިއްސާކުރައްވަމުން ވިދާޅުވެފައިވަނީ އެކުވެރިންނާއެކު ހޭދަކުރައްވާފައިވަނީ ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށެވެ. ޑރ.ޝަހީމް ޕޯސްޓް ކުރެއްވި ފޮޓޯތަކަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ނަންގަވާފައިވާ ފޮޓޯތަކެކެވެ.
އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމާއި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެވެ.