ޚަބަރު

ގެވެށި އަނިޔާއާ ގުޅޭ މައްސަލަތައް ބެލުމުގެ ނިޒާމް މުތާލިއާކުރަނީ


ގެވެށި އަނިޔާއާ ގުޅޭ ތަފާތު އިޖްތިމާޢީ މައްސަލަތައް ބެލުމުގެ މުޅި ނިޒާމް އަލުން މުތާލިޢާކޮށް އެނިޒާމް ހަރުދަނާކުރުމަށްޓަކާ އަލުން އެކަށައެޅުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރ، ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ މުޙައްމަދު އިބްތިހާލްގެ މަރާގުޅިގެން އެކަން މޮނިޓަރ ކުރުމުގައި ޖެންޑަރ މިނިސްޓްރީން ކުރެއްވި މަސައްކަތާބެހޭ ގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ އިތުރުން އެފަދަ އެހެން މައްސަލަތައް ތަކުރާރުވިޔަނުދީ އެކަންކަން މޮނިޓަރ ކުރުމުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަމާގުޅޭގޮތުން ގާއިމް ކުރެވިފައިވާ ޖެންޑަރ މިނިސްޓްރީގެ ޔުނިޓްތަކުން މަސައްކަތް ކުރަމުންދަނީ އެންމެ އެކަށީގެންވާ ހަރުދަނާ ނިޒާމެއްގެ ދަށުންތޯ ބަލަން ޖެހޭކަމަށެވެ. އަދި މި ނިޒާމް އަލުން އެކަށައެޅުމުގެ މަސައްކަތުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި، މި ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކާއި، ތަޖުރިބާކާރު ފަންނީ ފަރާތްތަކުގެ މަޝްވަރާ ބޭނުންވާނެކަމަށެވެ.އިބްތިހާލްގެ މަރުގެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީގެ ސްޓާފުންނާ ގުޅުންހުރި ކަންކަން ހުރި މިންވަރު ބެލުމަށްޓަކައި ޚާއްސަ ޓާސްކްފޯހެއް އުފައްދަވައިގެން އެކަން ތަހްގީގުކުރަން މިހާރުވެސް ފަށާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.އަނިލްގެ ވާހަކަފުޅުގައި ގެވެށި އަނިޔާ ލިބެމުންދާކަން ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓް ލިބެމުންދާ ކުޑަކުދިންނާމެދު އާންމު އުސޫލެއްގެ ގޮތުން އަމަލުކުރުމުގައި ބަލަނީ، އެކުއްޖަކަށް އެންމެ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުމަށް ކަމަށާއި، އެގޮތުން އަނިޔާދޭ ފަރާތް ފިޔަވައި އެރަށެއްގައި  އެކުއްޖާއަށް އެންމެ ރައްކާތެރި މާހައުލެއް ދޭނެ ފަރާތަކާއި ހަވާލުކުރުންކަމަށް ވިދާޅުވިއެވެ.