ޚަބަރު

ޕޮލިސް ރިފޯމްކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ


ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފް ކޮށްފިއެވެ. މި އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދެވެ.

އޮންލައިން ޕޯރޓަލް އިފްތިތާޙުކޮށްދެއްވުމަށްފަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުންކަމުގައެވެ. އަދި މިޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 15 ދުވަހުގެ ނިޔަލަށް އާއްމުންނަށް ޙިޔާލު ހުށައެޅޭނެކަމަށެވެ. އަދި އާއްމުން ހުށައަޅާ ޚިޔާލުތައް، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުވުމުގައި ބޭނުންކުރާނެކަމަށް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އަދި އޭގެފަހުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާނެކަމާއި، އެގޮތުން ހުށަހެޅޭ ޚިޔާލުތައް މޮނީޓަރކޮށް ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ސީޕީ ވަނީ ދެއްވާފައެވެ.

ފުލުހުން މިއަދު އިފްތިތާހްކުރި އޮންލައިން ޕޯޓަލްއަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންނާއި އާންމުންގެ ޚިޔާލުލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެތެރޭގައި ހިމެނޭކަމެކެވެ. އޮންލައިން ޕޯރޓަލް މެދުވެރިކޮށް ފުލުހުންގެ ވެބްސައިޓް www.police.gov.mv އަދި www.policelife.mv ގެ ބޭނުން ހިފައިގެން ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަށް ރައްޔިތުން ބޭނުންވާ ޚިޔާލުތައް ހުށަހެޅޭނެކަމަށް ފުލުހުން ބުނެއެވެ.

ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެ ތެރޭގައި އޮންލައިން ޕޯރޓަލްގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފޯކަސް ގްރޫޕް ބައްދަލުވުންތަކާއި ފޯރަމްތަކާއި އަދި ޕޮލިސް ރިފޯމް ސިމްޕޯސިއަމެއް ބޭއްވުމަށް ހަަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ދަޢުލަތުގެ މިނިވަން ބައެއް މުއައްސަސާތަކާ ބައްދަލުކޮށްފައިވާކމަށްވެސް ފުލުހުން ބުނެއެވެ.