ސިޔާސީ

ކުރީގެ ޑިފެންސް މިނިސްޓަރުގެ ގެއިން ފެނުނު ހަތިޔާރު ދައްކާލައިފި


ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްގެ އެޕާރޓްމަންޓުން ފެނުނު ނުރައްކާތެރި ހަތިޔާރުތައް ފުލުހުން މިއަދު ދައްކާލައިފިއެވެ.ފުލުހުން އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ނޫސްވެރިންނަށް ދެއްކެވި ތަކެތީގެ ތެރޭގައި ނުވައެއް އެމްއެމްގެ ފިސްތޯލައަކާއި، އޭގެ މެގަޒިންއާއި ތިން ވަޒަން ހިމެނެއެވެ. އަދި އެގެއިން ފެނުނު ގޮވާ ޒާތުގެ އެއްޗެއްވެސް ކޮމިޝަނަރ ދެއްކެވިއެވެ. މީގެ އިތުރުން މި މައްސަލައިގެ ތަހުޤީގަށް ބޭނުންވާ މަޢުލޫމާތު ތަކެއް ހުރި ޕެންޑްރައިވެއް ފެނިފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.ކޮމިޝަނަރ ވިދާޅުވީ މި ފެނުނު ހަތިޔާރާއި ގުޅޭ މަޢުލޫމާތު ހޯދުމަށް ޑިފެންސް މިނިސްޓްރީގައި އެދުމުން، ސިފައިންގެއިން އެއްވެސް ހަތިޔާރެއް މަދުވެފައި ނުވާކަމަށް އެމިނިސްޓްރީން ލިއުމުން އަންގާފައި ވާކަމަށެވެ.މިމައްސަލައިގައި މިހާތަނަށް ފުލުހުން އަދި ނާޒިމް ހައްޔަރު ކޮއްފައެއް ނުވޭ. އަދި ނާޒިމް މިހާތަނަށް ހައްޔަރު ނުކުރި ސަބަބެއްވެސް ފުލުހުން ހާމަކޮއްފައެއް ނުވެއެވެ. ނަމަވެސް ކޮމިޝަނަރ ވިދާޅުވީ ނާޒިމް ހައްޔަރުކުރަން ޖެހިއްޖެނަމަ އެކަން ކުރަން ފުލުހުން ފަސް ނުޖެހޭނެ ކަމަށެވެ.ޕޮލިސް ކޮމިޝަނަރުގެ ވާހަކަފުޅަށް ރައްދުދެއްވާ ނާޒިމްގެ ވަކީލު މައުމޫން ހަމީދު ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނުގައިވަނީ، ނާޒިމްގެ ގެއިން ފެނުނުކަމަށް ފުލުހުން ބުނާ ތަކެއްޗަކީ ނާޒިމް ނުވަތަ ނާޒިމްގެ އާއިލާގެ ބޭފުޅަކާއި ގުޅުންހުރި އެއްޗެއް ނޫންކަމަށެވެ. އަދި އެ ގޭތެރޭގައި ހުރިކަމަށް ބުނާ ތަކެއްޗަކީ، ނާޒިމް އަދި ނާޒިމްގެ އާއިލާގެ ބޭފުޅަކަށްވެސް އެނގުމަކާއި ނުލާ ބަހައްޓާފައި ހުރި ތަކެތިކަމަށް މިބަޔާނުގައިވެއެވެ.