ވިޔަފާރި

އޯޕެކްއިން ރަސްމީކޮށް ޤަތަރު ވަކިވެއްޖެ

ތެޔޮ އުފައްދާ ޤައުމުތަކުގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، އޯޕެކްއިން ރަސްމީކޮށް ޤަތަރު ވަކިވެއްޖެއެވެ.

ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އޯޕެކްގެ މެމްބަރުކަމުން ޤަތަރު ވަކިވެފައިވާއިރު، އޯޕެކްގެ މެމްބަރުކަމުން ވަކިވާން ޤަތަރުން ނިންމީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ޤަތަރަކީ އޯޕެކްގެ ޤައުމުތަކުގެ ތެރެއިން އެންމެ މަދުން ތެޔޮ އުފައްދާ އެއް ޤައުމު ކަމުގައި ވާތީވެ، އެ ޤައުމުން ބުނީ އޯޕެކުން ވަކިވާން ނިންމީ ތެޔޮ އެކްސްޕޯޓު ކުރުމަށްވުރެ ޤައުމުގެ އިޤްތިޞާދަށް ނަފާވާނެފަދަ އެހެން ދާއިރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މި ނިންމުމަކީ ދުނިޔޭގެ ތެލުގެ އެއް ބާރު ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު އުފެދިފައިވާ ސިޔާސީ މައްސަލަތަކުގެ ސަބަބުން ނިންމި ނިންމުމެއް ނޫން ކަމަށްވެސް ޤަތަރުން ބުނެއެވެ.

ޤަތަރުން ބުނީ އޯޕެކުން ވަކިވުމަށްފަހު އެ ޤައުމުން ބޮޑަށް އިސްކަންދޭނީ ނެޗުރަލް ގޭސް އުފައްދާ މިންވަރު އިތުރު ކުރުމަށް ކަމަށް ޤަޠަރުން ބުނެއެވެ.

ޤަތަރަކީ ޤުދުރަތީ ގޭސް އެންމެ ގިނައިން އުފައްދާ އެއް ޤައުމެވެ. އެގޮތުން، އަހަރެއްގެ މައްޗަށް 77 މިލިއަން ޓަނުގެ ޤުދުރަތީ ގޭސް އެ ޤައުމުން އެކްސްޕޯޓުކުރާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. އޯޕެކުން ވަކިވުމަށްފަހު، ތެޔޮ އުފައްދާ މިންވަރު މަޑުމަޑުން ދައްކުރުމާއިއެކު، ޤަޠަރުންވަނީ 2024 ވަނަ އަހަރާއި ހަމައަށް އެ ޤައުމުން އެކްސްޕޯޓުކުރާ ޤުދުރަތީ ގޭހުގެ ޢަދަދު 110 ޓްރިލިއަން ޓަނަށް އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

މިއީ 1960 ވަނަ އަހަރު އޯޕެކް އެކުލަވައިލެވުނު ފަހުން މެދު އިރުމަތީގެ ޤައުމަކުން އެ ޖަމިއްޔާއާއި ވަކިވި ފުރަތަމަ ފަހަރެވެ. ޤަޠަރަކީ ތެޔޮ އުފައްދާ ޤައުމުތަކުގެ ތެރެއިން ނިސްބަތުން އެންމެ މަދުން ތެޔޮ އުފައްދާ އެއް ޤައުމު ކަމަށް ވުމާއިއެކު، އެ ޤައުމު އޯޕެކާއި ވަކިވި ނަމަވެސް ދުނިޔޭގެ މާކެޓުގައި ތެލުގެ އަގަށް ބަދަލު ނާންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އޯޕެކަކީ ދުނިޔޭގެ ތެޔޮ އުފައްދާ ގިނަ ޤައުމުތަކެއް އެކުލެވޭ ޖަމިއްޔާއެކެވެ. އޯޕެކްގެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ޞަޢޫދީ ޢަރަބިއްޔާ، އަލްޖީރިއާ، އިކުއެޑޯރ، އެންގޯލާ، އިކުއިޓޯރިއަލް ގިނީ ގެ އިތުރުން ގެބަން، އީރާން، ކުވެއިތު، ޢިރާޤް، ލީބިޔާ، ނައިޖީރިޔާ ރިޕަބްލިކް އޮފް ކޮންގޯ ޔުނައިޓެޑް ޢަރަބި އެމިރޭޓްސް އަދި ވެނިޒުއެލާއެވެ. މީގެ އިތުރުން، އޯޕެކްގައި ނުހިމެނޭ ދުނިޔޭގެ ތެލުގެ ބާރުތައް ކަމުގައިވާ އެމެރިކާއާއި ރަޝިޔާފަދަ ޤައުމުތަކުންވެސް އޯޕެކް ސަމިޓުގައި ބައިވެރިވެއެވެ.