ޚަބަރު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިން ރެޕޯ ބުރަށް


އިންޑިއާގެ ޓެމިލްނާޑޫގެ މަހާބަލީޕޫރަމްގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2025 ގެ ރެޕޯ ބުރުން ރާއްޖޭގެ ތިން އަންހެން ރާޅާއެޅުންތެރިން ޖާގަ ހޯދައިފިއެވެ.

ވުމެންސް އޯޕަން ކެޓެގަރީގައި ރާއްޖޭން ވާދަކުރަނީ މަރިޔަމް ރާހިލް ނަސީމް (އާޔާ)، ރިޝްތާ ސުޖާއު އަދި ޝަޒިޔާ ސައީދު (ޝާޒް) އެވެ.

މުބާރާތުގެ އަންހެނުންގެ ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކުގެތެރެއިން ރާހިލް ވާދަކުރީ ދެވަނަ ހީޓުގައެވެ. އޭނާ ވަނީ 1.30 ގެ ސްކޯއަކާއަކާއެކު މި ހީޓުގެ ދެވަނަ ހޯދާފައެވެ.

ހީޓް 9 ގައި ވާދަކުރި ރިޝްތާ ވެސް ވަނީ 1.47ގެ ސްކޯއަކާއެކު އެ ހީޓުގެ ދެވަނަ ހޯދާފައެވެ.
ރާއްޖޭގެ ޝާޒިޔާ ވާދަކުރީ ހީޓު 10 ގައެވެ. މި ހީޓުގައި 2.46 ގެ ސްކޯއަކުން ޝާޒިޔާއަށް ލިބުނީ ހީޓުގެ ތިންވަނައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ހޫދު އަޙްމަދު (ހޫބްސް) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ވެސް ވަނީ ރެޕޯ ބުރުން ޖާގަ ހޯދާފައެވެ.

އަދި ރާއްޖޭގެ ސާފިން ޓީމުގެ ކެޕްޓަން އަޙްމަދު އާގިލް (އަންމަޑޭ) ވަނީ ފުރަތަމަ ހީޓުގެ އެއްވަނަ ހޯދާ ތިންވަނަ ބުރުގެ ޖާގަ ހޯދާފައެވެ.