ވިޔަފާރި

ޗައިނާއާއި އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ


ޗައިނާއާއިއެކު ކުރަމުން އަންނަ ވިޔަފާރީގެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނިކުންނާނެކަމަށް އުއްމީދުކުރައްވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި ފޯނުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އެކަށީގެންވާ ވިޔަފާރީގެ އެއްބަސްވުމަކާ ދިމާލަށް މި މަޝްވަރާތައް މިހާރު މިސްރާބު ޖަހާފައިވާ ކަމަށެވެ. މިއާއިއެކު، ރައީސް ޝީ ޖިންޕިންގ ވަނީ، މި މަޝްވަރާތަކާއިއެކު ޗައިނާއާއި އެމެރިކާއާ ދެމެދުގައި ހަރުދަނާ ގުޅުމެއް ޤާއިމުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ދެ ޤައުމު ތަމްސީލްކުރާ ޓީމުތަކުން މިކަމާއި ގުޅުން ހުރި އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުން އަންނަކަންވެސް ރައީސް ޝީ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދެ ޤައުމަށްވެސް ފައިދާވާ ފަދަ އެއްބަސްވުމެއް ކައިރި މުސްތަޤްބަލެއްގައި ޙާސިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޗައިނާގެ ރައީސް ވިދާޅުވެފައިވެއެވެ.

ފާއިތުވެ ދިޔަ ޑިސެމްބަރުމަހު ބުއެނޯސް އައިރިސްގައި ކުރިއަށްދިޔަ ޖީ20 ސަމިޓުގައި އެމެރިކާއާއި ޗައިނާއިން ވަނީ 90 ދުވަހުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ވިޔަފާރީގެ ޓެރިފް ނެގުން މަޑު ޖައްސާލުމަށް އެއްބަސްވެފައެވެ. ޖީ 20 ސަމިޓަކީ ދުނިޔޭގެ އިޤްތިޞާދީ ބާރުތަކުގެ މެދުގައި ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އަހަރަކު އެއް ފަހަރު ބާއްވާ ސަމިޓެކެވެ.

ރައީސް ޓްރަމްޕް ވަނީ އެމެރިކާއިން ޗައިނާއަށް ކަނޑައަޅާފައިވާ ޓެރިފް 10 އިންސައްތައިން 25 އިންސައްތައަށް އިތުރު ނުކުރުމަށް އެއްބަސް ވެވަޑައިގަންނަވާފައެވެ. އަދި ދަނޑުވެރިކަމާއި ތިމާވެއްޓާއި ގުޅުން ހުރި މުދަލުގެ އިތުރުން ގިނަ ޢަދަދެއްގެ އިންޑަސްޓްރިއަލް މުދާ ޗައިނާއިން ގަތުމަށް އެއްބަސް ވެފައިވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ. ޓެރިފަކީ އިމްޕޯޓު ނުވަތަ އެކްސްޕޯޓުކުރާ ވަކި ބާވަތެއްގެ މުދަލުން ނަގާ ޓެކްސްއަކަށް ދީފައިވާ ނަމެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މީގެ ކުރިން އިޤްތިޞާދީ ގޮތުން އެމެރިކާއަށް ދިމާވި ގިނަ ގޮންޖެހުންތައް މެދުވެރިވީ ޗައިނާގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި ވޭތުވެ ދިޔަ އަހަރު އެމެރިކާއިން ވަނީ ޗައިނާއިން އެ ޤައުމަށް އެތެރެކުރާ ގިނަ ބާވަތް ތަކުގެ މުދަލުން ނަގާ ޓެރިފް އެތައް ގުނައެއް ބޮޑު ކޮށްފައެވެ. އެގޮތުން، ހަނޑުލާއި އަތް ދަބަސްފަދަ ކޮންސިއުމަރ އަދި އިންޑަސްޓްރިއަލް މުދަލުންވެސް ޓެކްސް ނަގާފައިވެއެވެ. މިއާއިއެކު، ޗައިނާއިންވެސް ވަނީ އެމެރިކާއިން އެ ޤައުމަށް އެތެރެ ކުރާ މުދަލުން ޓެރިފް ނަގަންފަށާފައެވެ. ނަތީޖާއެއްގެ ގޮތުން މި ދެ ޤައުމުގެ އިޤްތިޞާދަށްވެސް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވެއެވެ.

އިޤްތިޞާދީ މާހިރުން ދެކޭ ގޮތުގައި، އެމެރިކާއާއި ޗައިނާއަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު އިޤްތިޞާދީ ދެބާރެވެ. ފާއިތުވެ ދިޔަ ދެ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގެ ޢާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ނުވަތަ ޖީޑީޕީ ގާތްގަނޑަކަށް 19.39 ޓްރިލިއަން ޑޮލަރަށް އަރާއިރު، ޗައިނާގެ ޖީޑީޕީ ގާތްގަނޑަކަށް 12.24 ޓްރިލިއަން ޑޮލަރަށް އަރައެވެ.