ޚަބަރު

މިއަހަރު ފުޅާދާއިރާއެއްގައި "ސްޕޯރޓްސް ޓޫރިޒަމް" ކުރިއަރުވާނަން - ޓޫރިޒަމް މިނިސްޓަރ


މިއަހަރުގެ ތެރޭގައި ރާއްޖެއަށް "ސްޕޯރޓްސް ޓޫރިޒަމް" ތަޢާރަފްކުރައްވައި ފުޅާދާއިރާއެއްގައި އެކަން ކުރިއަރުވަން މަސައްކަތް ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢަލީ ވަހީދުވަނީ މިކަމާ ގުޅޭގޮތުން ރިއަލް މެޑްރިޑާއި ސްޕެއިންގެ ލެޖެންޑް މިޝެލް ސެލްގާޑޯއާއި މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކަށްފަހު މީޑިއާއާ މަޢުލޫމާތު ޙިއްސާކުރައްވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން ވަރަށް ބޮޑު އިސްކަމެއްދީގެން ރާއްޖޭގައި މިއަހަރު "ސްޕޯރޓްސް ޓޫރިޒަމް" ތަޢާރަފްކުރައްވައި ކުރިއަރުވުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މަޝްހޫރު ކުޅިވަރު ކުޅުންތެރިން ރާއްޖެއައި ނަމަވެސް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި "ސްޕޯރޓްސް ޓޫރިޒަމް" ކުރިއެރުވިފައިނެތްކަމަށެވެ. އެހެންކަމުން އަމާޒަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ މަޝްހޫރު ޓީމްތައް ރާއްޖެ ގެނެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުންކަމަށެވެ.

"
ސްޕޯރޓްސް ޓޫރިޒަމް މިކޮންޕޯނަންޓް އިތުރުކޮށް، ތަޢާރަފްކޮށް ފުޅާކުރުން އެއީ އަޅުގަނޑުމެންގެ މަޤްސަދެއް. އެގޮތުން މީގެ ކުރިން އަޅުގަނޑުމެނަށް މި ފެންނަނީ ލެޖެންޑުން، ޕްރޮފެޝަނަލް ކުޅުންތެރިންވެސް ރާއްޖެ ޗުއްޓީ ހޭދަކޮށްލަން އެކަނި މިއަންނަނީ. އަޅުގަނޑުމެން ބޭނުންވޭ އަހަރަކު ރަނގަޅު ޓީމެއް ގެނެވޭވަރަށް މި މަސައްކަތްކުރަން.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ރާއްޖޭގައި "ސްޕޯރޓްސް ޓޫރިޒަމް" ކުރިއަރުވާނީ މިކަމުގެ ނަފާ ޢާންމު ރައްޔިތުންނަށްވެސް ލިބޭނެފަދަ ގޮތަކަށްކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ. މި ފެށިގެންދިޔަ އައު އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އުޖާލާ އަހަރަކަށް ހެދުމަށްޓަކައި ކުރިން ނުފެންނަ އެކި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެގޮތުން ސަރުކާރުން ވަނީ، ދިވެހިރާއްޖެ އިސްތިހާރުކުރުމަށް އޮންނަ ބަޖެޓުވެސް މީގެކުރީ އަހަރުތަކަށްވުރެ 3ގުނަ މިއަހަރު ބޮޑުކޮށްފައެވެ.