ޚަބަރު

ދިއްދޫގައި ޑެންގީއާއި ބޭރަށްހިންގުން ފެތުރޭތީ ރަށުތެރެ ސާފުކޮށްފި


ހއ. ދިއްދޫގައި ހަލުވިކަމާއެކު ޑެންގޫ އާއި ބޭރަށްހިންގުމުގެ ރޯގާ ފެތުރެމުންދާތީ، ހއ. އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން އެރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

މިއަދު ހަވީރު ފެށި މިޕްރޮގްރާމުގައި ދިއްދޫގެ އާންމުން މޫދަށް އެރިއުޅޭ ސަރަޙައްދުގައި މަދިރި އާލާވާނެ ގޮތަށްހުންނަ ދަޅާއި ފުޅި އަދި މިނޫންވެސް ބާވަތުގެ ކުނި ވަނީ ނައްތާލެވިފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި 25 ވަރަކަށް ބަލިމީހުން ހަމައެކަނި ދިއްދޫއިންވެސް ޑެންގޫ ހުން ޖެހިގެން ފަރުވާހޯދާފައިވާއިރު މިޢަދަދު ޑިސެމްބަރުމަހުގައި 29 އަށް އަރާފައެވެ. އަދި މީގެތެރޭގައި ގިނައީ ކުޑަކުދިންކަމަށްވެސް ދިއްދޫގައިހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން މުޅި ރާއްޖެއިން ބަލިފަތުރާ ޖަނަވާރާއި ސޫފާސޫފި މަދުކުރުގެ ޕްރޮގްރާމް ޤަވައިދުން ހިންގުން ތަންފީޒުކުރަން ފަށާފައިވާއިރު، ޑެންގޫ ހުން ފަތުރާ މަދިރި އާލާވިޔަނުދީ ސާފުތާހިރުކަން ދެމެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކަމަށް ހެދުމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.