ކުޅިވަރު

އައި.ޓީ.އެފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޖޫނިއަރ ޓެނިސް ޓީމް އިއުލާންކޮށްފި


އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން ޑިވެލޮޕްމެންޓް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޖޫނިއަރ ޓެނިސް ޓީމް އިއުލާންކޮށްފިއެވެ.

މިމަހުގެ ހަޔަކުން ވިއްސަށް ތައިލެންޑްގެ ވެރިރަށް ބެންގކޮކްގައި 14 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާ މުބާރާތުގެ ރާއްޖޭގެ ޖޫނިއަރ ޓީމްގެ ފިރިހެން ތިން ކުޅުންތެރިން އަދި އަންހެން ތިން ކުޅުންތެރިން ވާދަކުރާނެއެވެ. މުބާރާތުގައި ވާދަކުރާ ފިރިހެން ތިން ކުޅުންތެރިންނަކީ ރައުދަކް މައުމޫން، މުހައްމަދު ނާމިގް ޝާހިދު، އަދި އިސްމާއިލް ނުހައިކް އިރުޝާނެވެ. އަންހެން ޓީމްގައި ހިމެނެނީ އައިޝަތު ތާރާ ނައީމް، ލަޔާން މުހައްމަދު ޝާމިން އަދި ޒޯޔާ ޒުބިން ސަލީމެވެ.

15 ގައުމަކުން މި މުބާރާތުގައި ވާދަކުރާއިރު މި މުބާރާތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުޅުންތެރިންނަށް މިަހަރުގެ އޭޕްރިލް މަހު އޮންނަ އައިޓީއެފް ޑިވެލޮޕްމެންޓް ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުން ނުވަތަ ފުރަތަމަ ޑިވިޝަން މުބަރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ރާއްޖޭގެ ކުޅުންތެރިންވަނީ މީގެ ކުރިންވެސް ތައިލެންޑްގައި ކުރިއަށްދިޔަ ޑިވެލޮޕްމެންޓް މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައި އެވެ.