ޚަބަރު

އަމިއްލަ ކޮލެޖްތަކުގައިވެސް ހިލޭ ޑިގްރީ ހެދޭނެ - މިނިސްޓަރ


ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޔުނިވަރސިޓީތަކުގައި އެކަނި ނޫންކަމަށާއި އަމިއްލަ ކޮލެޖްތަކުގައިވެސް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު އޮންނާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ފުރަތަމަ ޑިގްރީއާހަމައަށް ހިލޭ ކިޔެވޭނެ ފުރުޞަތު ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތަފްސީލު ހާމަކުރައްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުންކަމަށެވެ.

އެގޮތުން މި ވަޢުދު ފުއްދުމަށްޓަކައި ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށާއި، ސަރުކާރުގެ ހުރިހާ ވަޢުދުތައްވެސް ފުއްދަމުންދަނީ އެކަމަށް ބަޖެޓްކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނީ ހަމައެކަނި ސަރުކާރުގެ ކޮލެޖް ޔުނިވާރސީޓީތަކުގައި އެކަނި ނޫންކަމަށާއި، އަމިއްލަ ކޮލެޖުތަކުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ކެމްޕަސްތަކުގައިވެސް މިފުރުޞަތު ލިބޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"
"މާލޭގައި އިސްލާމިކް ޔުނިވަރސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އިތުރުން އަމިއްލަ ކޮލެޖުތަކުގައި ކިޔަވާ ކުދިންނަށްވެސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާނެ."
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ވަޢުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ ބަޖެޓްގައި 50 މިލިއަން ރުފިޔާ ކަނޑައެޅިއެވެ. ނަމަވެސް އިސްލާމީ ޔުނިވާސިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން މިކަމަށް ބަޖެޓް އިތުރުކޮށްދިނުމަށް އެދުމުން 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓްގައި މިކަމަށް 100 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.