މިއަހަރު ރާއްޖެ ޒިޔާރާތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މިއަހަރުގެ ފުރަތަމަ ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ޝަރަފް ލިބުނީ ސަޢޫދީ އަރަބިއްޔާގެ ރައްޔިތެއްކަމަށްވާ ޚާލިދް ކަރީމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ ވީއައިޕީ ލޯންޖުން މި ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު ޠޮއްޔިބު މުޙައްމަދެވެ.
މިއަދު ހެނދުނު 06.00 ގައި ޖެއްސި އޮމާންގެ ފްލައިޓުން ޚާލިދް ކަރީމް ރާއްޖެ އައިސްފައިވާއިރު މިދަތުރަކީ އޭނާގެ ކައިވެންޏަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އާއިލާއާއެކު ކުރި ދަތުރެކެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓަށެވެ.
ޚާލިދު ބުނީ މިއީ އޭނާ އާއިލާއާއިއެކު ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ފަހަރުކަމަށާއި، އޭނާގެ ފުރަތަމަ ދަތުރުން ވެސް ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ހިތްހެޔޮކަން ފެނިގެންދިޔަކަމަށެވެ. ޚާލިދު ބުނީ، ޗުއްޓީ ހޭދަކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކަށް އޭނާ ޒިޔާރަތްކޮށްފައިވީނަމަވެސް ރާއްޖެއަކީ އެހުރިހާ ޤައުމުތަކުގެ ތެރެއިން ވެސް ޚާއްސަ ޤައުމެއް ކަމަށެވެ.
2019 ވަނަ އަހަރު ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔާގެ އިތުރުން ޚާލިދްގެ އާއިލާއަށް ވަނީ "އާވީ ނޭޗަރ ޕެރަޑައިސް" ރިސޯޓުގެ ފަރާތުން އެއް ހަފްތާގެ ނިޔަލަށް ރިސޯޓުގައި ހިލޭ ހުރުމުގެ ފުރުސަތު ދީފައެވެ. އަދި މި ދަތުރަށްފަހު ރާއްޖެއަށް ދެން ޒިޔާރާތްކުރާ ފުރުސަތުގައި ވެސް އެއް ހަފްތާ ވަންދެން އެރިސޯޓުގައި ހުރެވޭނެކަމަށް އާވީ ނޭޗަރ ޕެރަޑައިސްއިން ބުނެއެވެ. މީގެއިތުރުން އޮމާން އެއާއިންވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކުރުމަށް ޚާލިދުއަށް ދެކޮޅު ޓިކްޓް ހަދިޔާކޮށްފައެވެ.
އާ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއާއަށް މަރުހަބާކިއުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަރަކާތުގައި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ އިތުރުން، އެމްއޭސީއެލްގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައިއެވެ.
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޚާލިދުގެ ޤައުމު ސަޢޫދީ އަރަބިއްޔާއަކީ މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެޤައުމުން ރާއްޖެއަށް ވަނީ އެކާވީސް ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ޠައްޔިބު މުހައްމަދު ވިދާޅުވީ، ފާއިތުވި އަހަރަކީވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ކުރިއެރުން ލިބުނު އަހަރެއްކަމަށެވެ. އެހެންކަމުން މިއަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާނޭކަމަށް ޠޮއްޔިބު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާއިރު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށްޓަކައި އެމްއެމްޕީއާރުސީ އާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.