ކުޅިވަރު

ޕީޕަލްސް ކަޕްގެ ތަށި ޕީޑީއާރްއެމުން އުފުލާލައިފި


ޕީ.ޑީ.އާރް.އެމަށް ކުޅެމުން އަންނަ ދިވެހި ޤައުމީ ކެޕްޓަން އަލީ އަޝްފާގުގެ ހެޓްރިކާއިއެކު މާޒިޔާ ބަލިކޮށް، ޕީޕަލްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި މެލޭޝިޔާގެ ޕީޑީއާރްއެމުން އުފުލާލައިފިއެވެ.ޕީޕަލްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ރޭ މާޒިޔާއާއި ދެކޮޅަށް ކުޅެ ޕީޑީއާރްއެމް މެޗް ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ތިނެއް ތިނެއްގެ ނަތީޖާއަކުން މެޗް އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ތީރީސް މިނެޓްގައި ފަހެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.މެޗުގައި ފުރަތަމަ ތިން ގޯލް ޖަހައި ލީޑް ނެގީ ޕީޑީއާރްއެމުންނެވެ. ފުރަތަމަ ލަނޑު މާލީގެ ފޯވާޑް ޓްރައޯރޭ ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ އަލީ އަޝްފާގެވެ.މެޗްގެ ދެވަނަ  ހާފްގެ ފަހު ވިހި މިނެޓްގައި މާޒިޔާއިން ވަނީ ތިން ލަނޑު ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މާޒީޔާގެ ފުރަތަމަ ލަނޑު ޒުވާން މިޑްފިލްޑަރ މުހައްމަދު އިރުފާން ޖަހައިދިންއިރު، ލިބުނު ޕެނަލްޓީއަކުން އެޓީމްގެ ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ.މާޒިޔާއަށް ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗްގެ ނުވަދިހަ މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގައި  އަހުމަދު އިމާޒުއެވެ.މެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމް ތިނެއް ތިނަކުން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ކުޅުނު ތިރީސް މިނެޓްގައި ޕީޑީއާރްއެމް ކުރި ހޯދީ އަލީ އަޝްފާގް އަދި ޓްރައޯރޭގެ ލަނޑުތަކުންނެވެ.މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޓްރާއޯރޭ ޕީޑީއާރުއެމްއަށް ލީޑު ހޯދަދިންއިރު ލީޑު ފުޅާކޮށްދިނީ އަލީ އަޝްފާގެވެ.މިމެޗްގައި އަޝްފާގު ތިން ލަނޑު ޖަހާ ހެޓްރިކް ހެދިއިރު ފައިނަލްމެޗްގެ އިތުރުން އެއްވެސް މެޗެއްގައި އަޝްފާގަށް ގޯލެއް ޖެހިފައެއްނުވެއެވެ.މާޒިޔާގެ ހަތަރުވަނަ ގޯލް ޖަހައިދިނީ މިސީޒަނަށް އެޓީމާއި ގުޅުނު ސްޕެއިންގެ ފޯވާޑް ޕަބްލޯ ރޮޑްރިގޭޒްއެވެ.މެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިޔްޔާތުގައި ދިވެހި ގައުމީ ކެޕްޓަން އަލީ އަޝްފާގް މިދިޔަ އަހަރު މެލޭޝިޔާގެ ޕީޑީއާރްއެމްއާއި އެކު ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އޭނާއަށްވަނީ ޚާއްސަ އެވޯޑެއް ދީފައެވެ.ޕީޕަލްސް ކަޕް ފުޓްބޯޅަ މުބާރާތު އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުބާރާތުގައި ފަސް ލަނޑު ޖެހި ޕީޑީއާރްއެމްގެ ފޯވާޑް ޑްރަމަރޭ ޓްރައޯރޭއެވެ.މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ގޯލްކީޕަރ އިމްރާން މުހައްމަދުއެވެ.