މާލެއާއި ހުޅުލެ އަދި ހުޅުމާލެއާއި ދެމެދުކުރާ ބަސް ދަތުރުތަކުން އަގު ނަގަން ފަށައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުންގެންދާ ބަހުގެ ޚިދުމަތުން ނަގަމުންގެންދަނީ ކުރާ ކޮންމެ ދަތުރަކަށް 10 ރުފިޔާއެވެ.
މާލެއާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ބަސް ދަތުރުތަކުގެ ޚިދުމަތް ފަށާފައިވަނީ، މިދިޔަ ސެޕްޓެމްބަރުމަހުގެ 7ވަނަ ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ބަސް ދަތުރުގެ ޚިދުމަތް ދެމުން އައިސްފައިވަނީ އެއްވެސް ފީއެއް ނުނަގައެވެ.
ބަސްދަތުރުތަކުން އަގު ނަގަން ފެށުމުން ކޮންމެ ދަތުރަކަށް ނަގަމުން އަންނަނީ ދަތުރަކަށް 10ރުފިޔާއެވެ. ބަސް ދަތުރުތަކަށް އަގު ނަގަމުންދަނީ އެކަމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ޓަޗްލިންކް " ކާޑް މެދުވެރިކޮށެވެ. މާލޭގައި ހުންނަ ބަސް ޓާމިނަލާއި، ހުޅުމާލޭގައި ހުންނަ މައި ބަސްޓޮޕުން ގެންދަނީ މި ކާޑު ވިއްކަމުންނެވެ. ކާޑެއް 20 ރުފިޔާއަށް ވިއްކާއިރު، މި ކާޑަށް ބޭނުން އަދަދަކަށް ރީލޯޑް ކުރެވޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު މަޙްޖޫމް ވިދާޅުވީ ކޮންމެ ބަސް ސްޓޮޕަކުންވެސް ދަތުރުކުރެވޭނީ ޓަޗްލިންކް ކަރޑް މެދުވެރިކޮށްކަމަށާއި، މިކަމުގެ އިންތިޒާމުތައް ޢާއްމުންނަށް ދަތިނުވަނެގޮތަށް ހުރިހާ ބަސްޓޮޕެއްގައި ހަމަޖެހިފައި ހުންނާނެކަމަށެވެ.
"ކާޑު ވިއްކަން ފަށާފައިވާއިރު، ޑިސެމްބަރު 25އިން ފެށިގެން ކާޑް ވިއްކީ ދެ ލޮކޭޝަނުން، ނަމަވެސް ހުރިހާ ލޮކޭޝަނެއްގައި ފަސެންޖަރުންނަށް ދަތި ނުވާނެގޮތަށް ކާޑް ލިބޭނެ އިންތިޒާމް ހަމަޖައްސާނަންމުޙައްމަދު މަޙްޖޫމް
އެމްޕީއެލްއިން ބުނެފައިވަނީ ބަހުގައި ދަތުރުކުރާ ތުއްތުކުދިންނާއި، ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންގެ އަތުން ފީ ނުނަގާނެކަމަށެވެ.
މާލެއާއި ހުޅުލެ އަދި ހުޅުމާލެއާއި ދެމެދު ދުއްވާ ބަސްތަކަށް، 9 ބަސް ސްޓޮޕަކުން މީހުންނަށް އެރޭނެ ގޮތަށްވަނީ ހަމަޖައްސާފައެވެ. އެމްޕީއެލްއިން ބުނެފައިވަނީ އެމްޕީއެލުން މި ޚިދުމަތް ފަށާފައިވަނީ އާއްމުނަށް ގިނަވަގުތު ކިޔޫގައި މަޑުކުރަން ނުޖެހޭގޮތަށް ގަޑިތައް ރާވާލައިގެންކަމަށެވެ. އެގޮތުން ދަތުރުތައް ފަތިހު 05:35 ފަށައިގެން ކުރިއަށްދާއިރު، ބަސް، ކޮންމެ ފަސް މިނެޓަކުން ސްޓޮޕްތަކަށް ދާނެކަމަށެވެ.
އެމްޕީއެލްގެ މެނޭޖަރ މުޙައްމަދު މައުމޫނު ވިދާޅުވީ ބަސްދަތުރުތަކަށް ދަތިނުވާނޭގޮތް ބަލައިގެން ބަސް ހޯދާފައިވާކަމަށެވެ. އަދި މި ޚިދުމަތަކީ އާއްމުނަށް ދަތިނުވާނެގޮތަށްދޭ ޚިދުމަތަކަށް ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ބަހުގެ ޚިދުމަތަށް 22ބަސް ވަނީ ގެނެސްފައި. ޑިމާންޑާއި އެއްވަރަށް ބަސްތައް ޚިދުމަތައް ނެރޭނަންއެމްޕީއެލްގެ މެނޭޖަރ މުޙައްމަދު މައުމޫނު
އެމްޕީއެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރުމަށް ބޭނުންކުރާ ބަސްތަކަކީ 50މީހުންގެ ޖާގައިގެ ބަސްތަކެވެ. އަދި ސިޓީ ބަހުގެ ގޮތުގައި ހުޅުމާލެއަށް ދަތުރުކުރުމަށް 70 މީހުންގެ ޖާގައިގެ ބަހެއް ބޭނުންކުރާއިރު، ޑަބަލް ޑެކް 85މީހުންގެ ޖާގައިގެ ބަހެއް ބޭނުންކުރެއެވެ.