ޚަބަރު

އޭޑީކޭ ފަރމަސީން އަގުބޮޑުކޮށް ބޭހެއް ވިއްކާފައިވަނީ އާސަންދަ ޕޯޓަލްގައި ނުބައި އަގެއް ހިމެނިފައިވާތީ- އާސަންދަ


އޭޑީކޭ ފަރމަސީން ވިޓްސީ ބްރޭންޑްގެ ބޭސް ގުޅައެއް 66 ރުފިޔާއަށް ވިއްކާފައިވަނީ އާސަންދަ ޕޯޓަލްގައި ނުބައި އަގެއް ހިމެނިފައިވާތީ ކަމަށާ، އެކަން މިހާރު ރަނގަޅުކޮށްފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާސަންދައިގެ ޕޯޓަލްގައި އަގުތައް ހިމަނަނީ ދެ ފަރާތުގެ އެއްބަސްވުމާއެކުކަމަށެވެ. އަދި މީގެ ކުރިން އޭޑީކޭ ފާމަސިއުޓިކަލްސްއަށް ޕޯޓަލްގައިވާ އަގު ރަނގަޅު ނޫންކަމަށް ފާހަގަކުރެވިގެން އެކަން ސަމާލުކަމަށް ގެނެސްފިނަމަ އެކަމެއް އިސްލާޙްކޮށްފައިވާކަމަށެވެ. ނަމަވެސް ވިޓްސީ 500 ބޭހުގެ އަގުގެ މައްސަލައެއް އޭޑީކޭ ފާމަސިއުޓިކަލްސްއިން މިއަދާ ހަމައަށްވެސް އާސަންދާ ކުންފުންޏަށް ހުށައަޅާފައިނުވާކަމަށް އެ ކުންފުން ބުނެއެވެ.

އާސަންދަ ކުންފުނިން ބުނީ މި ބޭހުގެ މައްސަލައަކީ އޭޑީކޭ ފާމަސިއުޓިކަލްސްއިން ލިމްސީ ބްރޭންޑުގެ ބޭސް ހުސްވުމުން، ބޭސް ފޮރުކޯށްދިނުމަށްޓަކައި ކުރިން ބޭނުންކުރަމުން ނުދާ ކޯޑެއްގައިވާ ވިޓްސީ 500 ބޭސްދޫކުރަން ފެށުމުން ދިމާވި މައްސައެއްކަމަށެވެ. އަދި މި މައްސަލަ ބަލައި މިހާރު އާސަންދަ ޕޯޓަލްއިން އެކަން ރަނގަޅުކޮށްފައިވަކަމަށްވެސް އާސަންދައިން ބުނެއެވެ.

އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރު އަޅާފައިވާކަމަށްވެސް އާސަންދައިން ބުނެއެވެ. އަދި މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ، އެކުންފުނީގެ ނަންބަރު 1400 އަށް ގުޅައި އެކަން އެ ކުންފުނީގެ ސަމާލުކަމަށް ގެނެސްދިނުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ.

އެންނަމަވެސް މިކަމާ ގުޅިގެން އޭޑީކޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ބޭސް ވިއްކަމުންދަނީ އާސަންދަ ޕޯޓަލްއިން ބޭސް ވިއްކުމަށް ކަނޑައެޅިފައިވާ އަގުގައިކަމަށެވެ. އަދި އާސަންދަ ޕޯޓަލްގައި ބިލްކުރެވޭ އަގުތަކަކީ އެކުންފުނިން ކޮންޓްރޯލްކުރާ ނުވަތަ ބަދަލުގެނެވޭ އަގުތަކެއްނޫން ކަމަށާ، ގިނަ އަދަދެއްގެ ބޭސް ބޮޑު އަގުގައި އާސަންދަ ކުންފުނިން އެޕްރޫވްކޮށް އާސަންދަ ޕޯޓަލް މެދުވެރިކޮށް ވިއްކުމަށް ހުއްދަދީފައިވާ ކަމަށެވެ. އަދި އާސަންދަ ކުންފުނިން، ޓްރާންސިޝަނަލް މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ ބޭހުގެ އަގު އެތައް ގުނައެއް ބޮޑުކޮށްފައިވާ ކަމަށްވެސް އޭޑީކޭގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަން ފާހަގަކޮށް އޭޑީކޭގެ ފަރާތުން އެކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްއެދިފައިވާ ކަމަށްވެސް އޭޑީކޭގެ ބަޔާނުގައިވެއެވެވެ.