ޚަބަރު

ވ. ރަކީދޫ ގެއެއްގެ ތެރެއިން މަރުވެފަ އޮތް ކުއްޖަކު ފެނުން


ވ. ރަކީދޫ ގެއެއްގެ ތެރެއިން ޒަޚަމްތަކަކާއެކު މަރުވެފައި
އޮއްވާ ފެނުނު 3 އަހަރުގެ ކުޑަފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި އިތުރަށް
ބަލަންޖެހޭ ބެލުންތަށް ބެލުމަށް އެކުއްޖާގެ ހަށިގަނޑު މިރޭ މާލެ ގެނެސްފިއެވެ.



އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ
މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު މެންދުރުގެ ވަގުތެއްގައި މަރުވެފައި
އޮއްވާފެނުނު އެކުއްޖާގެ މަރާގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.



ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވީ، އެރަށު ގެއެއްގެ ތެރޭގައި އެކުއްޖާ ޒަޚަމްތަކަކާއެކު  އޮތްކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ
މިއަދު 11:45 އެހާކަށްއިރުކަމަށާއި ކުއްޖާނެގިއިރު ކުއްޖާގެ ހަށިގަނޑުގެ އެކިތަންތަން
ދުޅަވެފައިހުރިކަމަށެވެ. އޭރު އެކުއްޖާ އޮތީ މަރުވެފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ރަށުކައުންސިލުން ބުނީ، ވަރަށްބޮޑެތި ހާނިއްކަތަކަކާއެކު މަރުވެފައިވާއިރު،
މިތުއްތު ކުއްޖާއަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ
މައްސަލައެއް މީގެކުރިން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން
ތަހުގީގުކޮށްފައިވާކަމަށެވެ.ކައުންސިލްގެ ރައީސް މިއަދު ވިދާޅުވީ، މި ކުޑަކުއްޖާގެ
މަންމައަށް މިއަދު އެރަށު ހެލްތު ސެންޓަރުން ފަރުވާދީފައިވާކަމަށެވެ.



އަނެއްކޮޅުން މިމައްސަލާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ،
އެމިނިސްޓރީންވެސް މިމައްސަލައިގެ ތަހުގީގުތަކެއް ކުރައްވަމުންދާކަމަށެވެ. ހިއުމަންރައިޓްސް
ކޮމިޝަނުން ބުނީ އެކޮމިޝަނުންވެސް މައްސަލަ ބަލަމުންދާކަމަށެވެ.



އަދި ޕީ.ޖީންވެސް ތަހުގީގުކުރަމުންދާކަމަށް ބުނެފައިވެއެވެ.އަނެއްކޮޅުން މިއަދު އެމް.ޑީ.ޕީން މިއަދު ނޫސްވެރިންނާއި
ބައްދަލުކޮށް ބުނެފައިވަނީ، ފުލުހުންނާއި މުއައްސަސާތަކުން މިކަމުގައި އިހްމާލުވެފައިވޭތޯ
ބެލުމަށް އެޕާޓީން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ
މިންވަރުބަލާ ކޮމެޓީއަށް މައްސަލަ ހުށައަޅާނެކަމަށެވެ.