ޚަބަރު

މާލެ-ހުޅުލެ-ހުޅުމާލެ ބަހަށް ފައިސާ ދެއްކޭނީ ހަމައެކަނި ޓަޗްލިންކް ކާޑުން


މާލެއާއި ހުޅުމާލެއާ ދެމެދު ދެމުންގެންދާ ބަހުގެ ޚިދުމަތަށް މާދަމާއިން ފެށިގެން ފައިސާ ނަގާއިރު، ފައިސާ ދެއްކޭނީ އެކަމަށް ހާއްސަ ކާޑުން އެކަނި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ބުނީ މާދަމާއިން ފެށިގެން މާލެ، ހުޅުލެ އަދި ހުޅުމާލެ ބަހުގެ ޚިދުމަތަށް "ޓަޗްލިންކް" ކާޑު މެދުވެރިކޮށް ފައިސާ ދައްކަން ފަށާއިރު، މިކާޑު ގިނަ ތަންތަނުން ލިބެން ހުންނާނެކަމަށެވެ. މިގޮތުން މާލެ ބަސް ޓަރމިނަލުންނާއި ހުޅުމާލޭގެ އެން ވަންގެ ދެވަނަ ބަސް ސްޓޮޕުން ކާޑު ގަންނަން ލިބޭއިރު، އެތަންތަނުން ކާޑު ރީޗާޖްކުރެވޭނެކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

ޓަޗްލިންކް ކާޑު ބޭނުންކޮށްގެން ބަހަށް ފައިސާ ދައްކާއިރު، ބަސް ދަތުރަކަށް މީހެއްގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 10 ރުފިޔާއެވެ.

މާލެއާއި ހުޅުލެ އަދި ހުޅުމާލެއަށް އެމްޕީއެލުން ދެމުންގެންދާ ބަހުގެ ޚިދުމަތުން އަގު ނަގަން ނިންމާފައިވާއިރު، އެމްޕީއެލުން މިޚިދުމަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުން ފެށިގެނެވެ. މިހާތަނަށް މިޚިދުމަތް ދެމުންދަނީ އެއްވެސް އަގެއް ނުނަގައެވެ.