ޚަބަރު

އާ އަހަރާއި ދިމާކޮށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި


އާ އަހަރާއި ދިމާކޮށް މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަންގައި އުޅަނދުތައް ދުއްވަނީ ޤަވައިދާ އެއްގޮތައްތޯ ބެލުމާއި، ތުޙުމަތު ކުރެވޭ ފަރާތްތައް ބަލާ ފާސްކުރުމާއި، ފާހަގަކުރެވޭ ބައެއް ސަރަޙައްދުތައް ބަލައި ފާސްކުރުން ހިމެނެއެވެ.

ރޭގަ ފެށި މި އޮޮޕަރޭޝަނަކީ ފުލުހުންގެ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑުގައި ހިމެނޭ ޑިޕާޓްމަންޓްތަކުން ފެށި ޚާއްސަ މަސައްކަތްތަކެެވެ.

މިމަސައްކަތްތަކުގެ ތެރެއިން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މާލޭގެ އެކި ސަރަޙައްދުތަކުގެ އިތުރުން ބްރިޖާއި ހައިވޭ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ވެހިކަލް ޗެކް ޕޮއިންޓްތައް ޤާއިމްކޮށް، އެއްގަމު އުޅަނދު ބަލައިފާސްކުރަމުންދާނެކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހަރަކާތްތެރިވާއިރު ތުހުމަތުކުރެވޭ ފަރާތްތައް ބަލައިފާސްކުރުމާއި، ފާހަގަކުރެވޭ ސަރަޙައްދުތައް ބަލައިފާސްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

އައުއަހަރާ ދިމާކޮށް މާލޭގެ ޓްރެފިކްގެ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު، މަސްތުވާ ތަކެއްޗާއި ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުން ހުއްޓުވުމަށްވެސް ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.