ކުޅިވަރު

ރާއްޖެފަދަ ކުޑަ ޤައުމަކަށް އެކަޑެމީތައް މުހިންމު، ރާއްޖޭގައި ފޯރި އެބައޮތް - ޝްމައިކަލް


ރާއްޖެފަދަ ކުޑަ ގައުމަކަށް ފުޓުބޯޅަ އެކަޑަމީތަކުގެ މުހިންމުކަން ވަރަށް ބޮޑުކަމަށް ކުރީގެ ޑެންމާކް އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލް ކީޕަރު ޕީޓަރ ޝްމައިކަލް ބުނެފިއެވެ.

ޝްމައިކަލް މިހެން ބުނީ، އެފްއޭއެމާއި ދިރާގު ގުޅިގެން، ރާއްޖޭގެ އެކަޑަމީތަކުގެ ކުދިންނާއިއެކު ޝްމައިކަލް އަދި ސެލްގާޑޯ ބައްދަލުކޮށްލުމަށް އޮތް ޚާއްސަ ރަސްމިއްޔާތަށް ފަހުގައެވެ.

އެކަޑެމީތަކުގެ އެކި އުމުރުފާތަކުގެ ކުދިން ހިމެނޭގޮތަށް، މީޓްއަޕް ވިތް ލެޖެންޑްސް ގެ ނަމުގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ކުރީގެ ދެ ކުޅުންތެރިންވަނީ ރާއްޖޭގެ ކުދިންނަށް ހިތްވަރު ދިނުމަށް ތަފާތު ވާހަކަތައް ކިޔައިދީ ތަޖުރިބާ ހިއްސާކޮށްފައެވެ. އަދި ކުދިންނަށް ޝްމައިކަލްއާއި ސަލްގާޑޯއާ ސުވާލު ކުރުމުގެ ފުރުސަތުވެސްވަނީ ދީފައެވެ.

މި ހަރަކާތަށްފަހު ޝްމައިކަލް ބުނީ، ދިރިއުޅުމުގައި ކުރިއެރުމަށް ސްކޫލްތައް މުހިންމުވާ ފަދައިން ފުޓުބޯޅައިގައި ކުރިއެރުމަށް އެކަޑެމީތައް މުހިންމު ކަމަށެވެ. އަދި އެކަޑެމީތަކުގެ އެހީގައި ކުދި ކުދި ގައުމުތައް ފުޓުބޯޅައިގައި އެންމެ މޮޅު ގައުމުތަކާ ފައިހަމަ ކުރަމުންދާކަމަށާއި، ހާއްސަކޮށް ސައުތް އޭޝިޔާގެ ޗެމްޕިއަނުންގެ ގޮތުގައި ރާއްޖެ މިހާރު އޮތްއިރު، އެއަށްވުރެ މަތީ ލެވެލްއަކަށް ދިޔުމަށް އެކަޑެމީތައް މުހިންމު ދައުރެއް އަދާކުރާނެކަމަށް ޝްމައިކަލް ބުންޏެވެ.

ޝްމައިކަލް ބުނީ ރާއްޖޭގައި ފުޓުބޯޅައިގެ މާގިނަ ވަސީލަތްތަކެއް އަދި ނެތް ނަމަވެސް ކުދިންގެ ފަރާތުން ފުޓުބޯޅައިގެ ރޫހާއި ފޯރި ފެންނަކަމަށެވެ. މިއާއެކު ފުޓުބޯޅަ ކުރިއެރުވުމުގެ އެންމެ ފުރަތަމަ ލެވެލް ރާއްޖެއަށްމިވަނީ ކާމިޔާބުވެފައިކަމަށްވެސް ޝްމައިކަލް ބުންޏެވެ.

"ފުޓުބޯޅަ ކުރިއެރުވުމަށް ފުޓުބޯޅަ އެކަޑެމީތައް ހަމަގައިމުވެސް މުހިންމު ދައުރެއް އަދާކުރޭ. މިފަހަރުގެ ވަރލްޑްކަޕްގަވެސް ފެނިގެންދިޔަ އެކަޑެމީތަކުގެ އެހީގަ ކުދި ގައުމުތައް ކުރިއަރާފަ ހުރި މިންވަރު. އެވޯޑް ނައިޓް ބޭއްވުމުގެ އިތުރުން އެކަޑަމީތައް ގާއިމްކޮށް ކުދިންނަށް ފުޓުބޯޅަ ދަސްކޮށްދީ ޓްރެއިންކޮށްދިނުމަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކާމިޔާބު ހޯދުމަށް ހުޅުވާލެވޭ ފުރުސަތުތަކެއް. ސްކޫލްތަކަށް ގޮސްގެން ދިރިއުޅުމުގެ ހުނަރުތައް ދަސްކުރާގޮތަށް އެކަޑެމީތަކުގައި ތަމްރީނު ވަނީ ފުޓުބޯޅައިގެ މައިދާނަށް. ރާއްޖެއިން ސައުތްއޭޝިއާގެ މުބާރާތުގައިވެސް އިންޑިޔާ ބަލިކޮށް ނަތީޖާ ނެރެފި. ރާއްޖޭގަ އެބައޮތް ފުޓުބޯޅައިގެ ފޯރި. ކުރިއަށް އޮތްތާގަ އިތުރު ސްޓޭޑިއަމްތައް ގާއިމްކޮށް ފުޓުބޯޅައިގެ ވަސީލަތްތައް އިތުރަށް ކުރި އެރުވުމަށް މަސައްކަތް ކުރެވިދާނެ. އެކަމަކު ފުޓުބޯޅަ ކުރިއެރުވުމުގެ ފުރަތަމަ މަރުހަލާ ފުޓުބޯޅައިގެ ފޯރިއާއެކު މިވަނީ ކާމިޔާބުވެފަ" ޔުނައިޓެޑްގެ ކުރީގެ ތަރި ބުންޏެވެ.

ކުރީގެ ރެއާލްމެޑްރިޑް އަދި ސްޕެއިންގެ ޑިފެންޑަރ މިޝެލް ސަލްގާޑޯވެސް ވަނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ފުޓުބޯޅައަށް އޮތް ވަރުގަދަ ސަޕޯޓް ފާހަގަކޮށްފައެވެ. ސަލްގާޑޯ ކުޅުން ހުއްޓާލިއިރު، އުފަންވެސް ނުވާ ތުއްތު ކުދިންނަށް އެނާ ކުޅުނު މެޗްތަކުގެ މައުލޫމާތު އެނގުމަކީ ރާއްޖޭގެކުދިން ފުޓުބޯޅައަށް ކުރާ ލޯބި އެނގިންދިޔަ ކަމެއްކަންވެސް ސަލްގާޑޯ ފާހަގަކުރިއެވެ.

ސަލްގާޑޯ ބުނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ކުދިންގެ ހިތްތަކުގައި ފުޓުބޯޅައަށް އޮތް ބޮޑު ޝައުގުވެރިވެކަން ފެނުމަކީ ގިނަދުވަހު ފުޓުބޯޅަ ކުޅެފައިވާ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް. އަދި މިފަދަ ކުޑަ ގައުމަކުން އެކަޑެމީތައް އުފައްދާ ފުޓުބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަކީވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސަލްގާޑޯ ބުންޏެވެ.

" ދިވެހިރާއްޖެ ކަހަލަ ކުޑަ ގައުމެއްގަ ފުޓުބޯޅައިގެ ފޯރި އޮތް ވަރު އަހަރެންނަށް އެނގުނު މިއީ ފުރަތަމަ ފަހަރު، އެންމެންނަށްވެސް ރާއްޖެ އެނގެނީ ފަތުރުވެރިކަމަށް މަޝްހޫރު މަންޒިލެއްގެ ގޮތުގަ. އެކަމަކު މިތާގަ ފުޓުބޯޅައިގެ ފޯރިވެސް ވަރުގަދަކަން އަހަރެންނަށް އިހުސާސް ވެއްޖެ. ހާއްސަކޮށް ކުޑަކުދިން ފުޓުބޯޅައަށް ލޯބިކުރާވަރު ފެނިއްޖެ. މިހާރު ރާއްޖެއިން ފުޓުބޯޅައަށް ހާއްސައެކަޑަމީއެއް ހިންގާ، އެކަޑެމީގެ ކުދިން ފުޓުބޯޅައަށް ހުންނަ ޝައުގުވެރިކަމާއި ފޯރި ފެނުމަކީ އަހަރެން ކަހަލަ ފުޓުބޯޅައިގެ ކުރީގެ ކުޅުންތެރިންނަށާއި ލެޖެންޑުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. ހާއްސަކޮށް އަހަރެންނަކީ ރިޓަޔަރ ވެފަ ހުރި މީހެއް. އެކަމަކު މި ކުޑަކުދިންނަށް އަހަރެންނަކީ ކާކުކަން އެނގޭ، އަހަރެން ކުޅެފަ ހުރި މެޗްތަކުގެ މައުލޫމާތު އެނގޭ. މިއީ އަހަރެންނަށް ލިބުނު ބޮޑު އުފަލެއް" ސެލްގާޑޯ ބުންޏެވެ.