ތަޢުލީމު

މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙުކޮށްފި


މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙުކޮށްފިއެވެ.ރޭ އަލިމަސް ކާނިވަލްގައި ބޭއްވި ޙަފްލާގައި "ތަޙުޒީބު މުޖުތަމަޢަކަށް ޤާބިލް ޓީޗަރުން ބިނާކުރުން" މި ކެމްޕޭން އިފްތިތާޙުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްއެވެ.މި ކެމްޕެއިން ކުރިއަށްގެންދާނީ ކުރިއަށް އޮތް ދިހަ އަހަރުގެ މުއްދަތަށެވެ.ތިން ބަޔަކަށް ކުރިއަށްގެންދާ މި ކޭމްޕުގެ ފުރަތަމަ ބަޔަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ސަނަދުތައް ނެތް ފަރާތްތައް، ޑިޕްލޮމާއިން މަތީ ސަނަދަކަށް ކިޔެވުމަށް މަގުފަހި ކުރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ދެވަނަ ބަޔަކީ ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް އެ ދާއިރާއިން ކުރިއަށްގެންދިއުމަށް ދެވިގެންދާ ސްކޮލަރޝިޕްގެ ފުރުސަތެވެ. މީގެ އިތުރުން މި ކެމްޕެއިންގެ ތިންވަނަ ބަޔަކީ  ކޮންމެ އަހަރަކު 101 މުދައްރިސަކަށް މުސާރައިގެ އެލެވެންސާއެކު ކިޔެވުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެއް ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ، މި ކެމްޕެއިން ނިމިގެންދާއިރު ބިދޭސީން މަދުކުރެވި، ތައުލީމީ ދާއިރާއަކީ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ދާއިރާއަކަށް ހެދުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. އެގޮތުން އޭ ލެވެލްގެ ތިން މާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް މުދައްރިސްކަމުގެ ކޯސް ހެދުމަށް ސްކޮލަރޝިޕްގެ ފުރުސަތު ދޭން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ."ތަހުޒީބު މުޖުތަމައަކަށް ގާބިލް ޓީޗަރުން" ބިނާކުރުން މި ކެމްޕެއިން ކުރިއަށްދާނީ ގައުމީ ޔުނިވަސިޓީއާއި ރާއްޖޭގެ އެކި ކޮލެޖްތަކާއި ގުޅިގެންނެވެ. އެގޮތުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިސުންގެ ތެރެއިން ޑިޕްލޮމާ ފެންވަރު ނެތް ފަރާތްތައް ޑިޕްލޮމާ ފެންވަރަށް ގެނައުމުގެ ގޮތުން އެފަދަ ފަރާތްތަކަށް ހާއްސަކޮށް މިހާރުވަނީ އެއް ހާސް ފުރުސަތު ހުޅުވާލާފައެވެ. އަދި ޑިޕްލޮމާ ފެންވަރުގެ މުދައްރިސުން ޑިގްރީ ފެންވަރަށް ގެނައުމަށް ދެހާސް ފުރުސަތުވަނީ ހުޅުއްވާލައްވާފައެވެ.އެޑިއުކޭޝަން މިނިސްޓަރ އައިޝަތި ޝިހާމް ވިދާޅުވީ މި ކެމްޕެއިނަކީ ސަރުކަރުގެ މެނިފެސްޓޯގައި ބުނެފައިވާ އެއްވެސް ކުއްޖަކު ބަކީ ނުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް އެޅިގެންދާ ފިޔަވަޅުތަކެއް ކަމަށެވެ.އެޑިއުކޭޝަން މިނިސްޓްރީންވަނީ މިއަހަރުގެ ނިޔަލަށް ޑިޕްލޮމާ ފެންވަރަށް ތައުލީމް ހާސިލްކޮށްފައިނެތް ފަރާތްތައް މުދައްރިސްކަމުގެ ވަޒީފާތަކުން ވަކި ކުރުމަށް ނިންމާފައެވެ.