މުޅި ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ޤަވައިދުން ހިންގުމަށް ތަންފީޒުކޮށްފިއެވެ.
މިޕްރޮގްރާމަކީ ސަރުކާރުގެ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެެރޭގައި ހިމެނޭ ކަމެކެވެ.
މި ޕްރޮގްރާމް ތަންފީޒު ކުރުމުގެ ގޮތުން ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މި ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތުގެ އަތްމަތީ ފޮތެއްވެސް ނެރެފައެވެ. މިއަތްމަތީ ފޮތުގައި، މި މަސައްކަތް ކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން ކުރަން ރާވާފައިވާ ކަންތައްތަކާއި އުސޫލުތައް ހިމަނާފައިވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ، މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މި އިދާރާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިތުރުން މޯލްޑިވްސް ނޭޝަންލް އެސޯސިއޭޝަން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ވަކި ވަކި ފަރުދުންނާއި އެކި މުވައްސަސާތަކުގެ އެއްބާރުލުން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ޕްރޮގްރާމަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.