ޚަބަރު

ކަރަންޓް ޝޯޓްތަކުން ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމުގެ މަސައްކަތް ފަށަނީ


ކަރަންޓް ޝޯޓްތަކުގެ ސަބަބުން ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ސްޓެލްކޯ ގުޅިގެން ޢިމާރާތްތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.

ފަހަކަށް އައިސް ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެންޑީއެފް ފަޔަރއެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ މި ޑިސެމްބަރު މަހު އަލިފާނުގެ ހާދިސާތައް މައިގަނޑުގޮތެއްގައި ހިނގަން މެދުވެރިވަނީ ގޭސް ލީކުވުމުގެ ސަބަބުންނާއި ކަރަންޓް ޝޯޓްތަކުގެ ސަބަބުންކަން ހާމަވެފައިވާކަމަށެވެ.

މިފަދަ އަލިފާނުގެ ހާދިސާތައް ހިންގުން އިތުރުވާ ސަބަބުތައް ދެނެގަތުމަށް ސްޓެލްކޯއާ މަޝްވަރާ ކޮށްފައިވާކަމަށާއި، މިމަޝްވަރާތަކުން ހާމަވި އެންމެ ފާހަގަކުރެވުނު އެއްކަމަކީ އެނަރޖީ އޮތޯރިޓީން ޤަބޫލުކުރާ ފެންވަރަށް ކަރަންޓް ވަޔަރު ކުރުމުގެ ކަންކަން ނުކުރުންކަމަށް ކާނަލް ޒުހުރީ ފާހަގަކުރެއްވިއެވެ. އެނަރޖީ އޮތޯރިޓީން ފަސް ހާހެއްހައި މީހުންނަށް ވަޔަރ ކުރުމުގެ ތަފާތު ހުއްދަ ދެއްވާފައިވީނަމަވެސް މިފަދަ މަސައްކަތްތައް ރާއްޖޭގައި ޢާންމުކޮށް ކުރާނީ ބިދޭސީންލައްވައިކަން ހާމަވެފައިވާކަމަށް ޒުހުރީ ވިދާޅުވިއެވެ.

"
މިހާރަކަށް އައިސް ވަޔަރ ކުރާ ކުރުމުގައި އެބޭފުޅުން އެޕްރޫވް ކުރައްވާފައިހުންނަ ކޮލިޓީގެ އެއްޗިހި ބޭނުން ނުކުރާކަން ހާމަވޭ. ހަމައެއާއެކު ކޮންޓްރެކްޓް މަސައްކަތްތަކުގައި ގެންގުޅޭ ބިދޭސީން ފަރުވާ ނުބަހައްޓައި މަސައްކަތްކުރުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ހާދިސާތައް އެބަދިމާވޭ
ކާނަލް އަބްދުﷲ ޒުހުރީ

ކާނަލް ޒުހުރީ ވިދާޅުވީ ކަރަންޓްގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ސްޓެލްކޯއާ ގުޅިގެން، އަންނަ ޖެނުއަރީ މަހުގެތެރޭގައި ތަންތަން ބަލައި ޗެކް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށެވެ.

"މިކަމުގެހައްލަކަށް އަޅުގަނޑުމެންނަށް ކޮންކަމެއްތޯ ކުރެވޭނީ. އަޅުގަނޑުމެން މަޝްވަރާކުރިއިރު އެންމެ މުހިއްމު އެއްކަމަކަށް ފާހަގަކުރެވިފައި މިއޮތީ ޕީރިއޮޑިކް ކޮމްޕްލެއިންސް ޗެކްތަކެއް ސްޓެލްކޯއާއި ގުޅިގެން ކުރިއަށް ގެންދިއުން. އެހެންވީމަ މިކަމަށް އަޅުގަނޑުމެންވާނީ އެބޭފުޅުންނާއެކު ޓައިމްލައިނެއް ހެދި އަނަނަ އަހަރު ޖެނުއަރީ މަސައްކަތް ފައްޓަން ގަސްތުކުރެވިފައި"

ޒުހުރީ ވިދާޅުވިއެވެ.

ކަރަަންޓުގެ ސަބަބުން ދިމާވާ ހާދިސާތަކުގެ އިތުރުން ގޭސް ލީކުވެގެން ދިމާވާ މައްސަލަތައްވެސް ފަހަކަށް އައިސް އިތުރުވަމުންދާކަން ފަޔަރއެންޑް ރެސްކިއު ސަރވިސުން މައުލޫމާތުދެއެވެ. އެގޮތުން 2018 ވަނަ އަހަރު ޖުމްލަ 105 ހާދިސާއެއްވަނީ ހިންގާފައެެވެ. މީގެތެރެއިން ގޭސްލީކުވުމުގެ 65 ހާދިސާ ހިނގާފައިވާއިރު 13 ހާދިސާއަކީ ނުރައްކާތެރި ހާދިސާތަކެއްކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

އާންމުގޮތެއްގައި ގޭސް ލީކުވަނީ ގޭސް ފުޅީގެ ތުނބުންނާއި، ރެގިއުލޭޓަރުންނާއި، ގޭސްފުޅީގެ ތިރީ ކައިރިންކަމަށް ފަޔަރއެންޑް ރެސްކިއުސަރވިސުން މައުލޫމާތުދެއެވެ. ވޭޢތުވެދިޔަ ތިން އަހަރަށް ބަލާއިރު އަލިފާނުގެ ހާދިސާތައް ނިސްބަތުން ވަނީ މަދުކުރެވިފައި. އެގޮތުން 2016 ވަނަ އަހަރު 102 ހާދިސާ ވަނީ ހިންގާފައެވެ. 2017 ވަނަ އަހަރު 119 ހާދިސާ ހިނގާފައިވާއިރު، 2018 ވަނަ އަހަރު ހިނގާފައިވަނީ 105 ހާދިސާއެވެ.