ވިޔަފާރި

ސެންޗޫރިއަން އެއަރގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

ސެންޓޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނިން ކާގޯ ހޭންޑްލިންގއަށް ޚާއްސަކޮށްގެން، ސެންޗޫރިއަން އެއަރގެ ނަމުގައި ކުންފުންޏެއް އުފައްދައިފިއެވެ.

އަމިއްލަ ކުންފުނިތަކުގެ ތެރެއިން އާއްމުންނަށް ފުރަތަމަ ފަހަރަށް ޚިއްސާ ވިއްކި، ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނިން ބުނީ ސެންޗޫރިއަން ކާގޯއަކީ ކާގޯ އަދި އެއާރކްރާފްޓް ހޭންޑްލިންގެ މަސައްކަތުގައި ރާއްޖެއަށް ކުރިއެރުންތަކެއް ހޯދައިދިނުމަށް އުފެއްދި ކުންފުންޏެއްކަމަށެވެ.

ސެންޗޫރިއަން ޕަބްލިކް ލިމިޓެޑްގެ ޗެއާރމަން އަހުމަދު މައުމޫން ވިދާޅުވީ އަލަށް އުފެއްދި ކުންފުންޏާއެކު ސެންޗޫރިއަންގެ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށެވެ. އެގޮތުން ކާގޯ ހޭންޑްލިންގ މަސައްކަތަށް 4 އެއާރލައިން ރާއްޖޭގައި އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާއިރު އަވަސް މުސްތަޤްބަލެއްގައި ކާގޯ ހޭނޑްލިންގެ މަސައްކަތް ފެށިގެންދާނެކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ކާގޯ ސާރވިސްގެ ޚިދުމަތް ދިނުމަކީ އެކުންފުނީގެ އަމާޒެއްކަމުން ކުރިއަށްއޮތް ތަނުގައި ވެއާރ ހައުސިންގ ސޮލިއުޝަނެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. މި މަސައްކަތުގެ ދަށުން ގުޅީފަޅާއި ހުޅުމާލޭގައި ގުދަން ޤާއިމްކޮށް މިގުދަންތަކުން އެކި ރަށްރަށަށް މުދާ ސަޕްލައިކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމެޖެހިފައިވާއިރު މިއީ އަގުހެޔޮ ފަސޭހަ ޚިދުމަތަކަށް ވާނެކަމަށް މައުމޫން ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި އަލަށް ތަރައްޤީކުރާ ޓާމިނަލާއެކު ކާގޯ ހޭންޑްލިންގްއާއި އެއާރކްރާފްޓް ހޭންޑްލިންގެ މަސައްކަތް ފަސޭހަވެގެންދާނެކަމަށް ސެންޗޫރިއަން ޕަބްލިކް ލިމިޓެޑްއިން ބުނެއެވެ.

2009 ވަނަ އަހަރު އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކުރީ ސެންޗޫރިއަން އިން މިދިޔަ އަހަރު އާންމުންނަށް ޚިއްސާ ވިއްކުމާއެކު ވަނީ ޕަބްލިކް ކުންފުންނަކަށް ބަދަލުކޮށްފައެވެ. ސެންޗޫރިއަންއިން ބުނީ އަލަށް ފަށާ ޚިދުމަތާއެކު ކުންފުނި އިތުރަށް ކުރިއަރައިގެން ދާނެކަމަށެވެ.