ވިޔަފާރި

ވީއައިއޭއަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވެއްޖެ


އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. އެމްއޭސީއެލްއިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްގެ އަދަދު 15 އިންސައްތަ އިތުރުވެފައިވާކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ އަދި ޑިސެމްބަރުކީ ފަތުރުވެރިކަމުގެ ހައި ސީޒަން ދުވަސްވަރެވެ. އައު އަހަރު ފާހަގަކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއައިސް ރިސޯޓްތައް ފުރާލައެވެ. އައު އަހަރާ ދިމާކޮށް އެއް ފަހަރާ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަން ފެށުމާއެކު، ރާއްޖޭގެ މައި އެއާޕޯޓް އާދަޔާ ހިލާފަށް ބާރުބޮޑުވެފައިވާކަމަށް އެއަރޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިދުވަސްވަރު ޖައްސާ އަމިއްލަ ޖެޓްތަކުގެ އަދަދު ވަރަށްބޮޑުތަން އިތުރުވެފައިވާކަމަށެވެ. އެގޮތުން ބައެއް ދުވަސްތަކުގައި 15 ޖެޓްވެސް ޖައްސާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަސްރޫޢުގެ ތެރެއިން ނޯތު އޭޕްރަންގެ މަސައްކަތް ނިމި، އެތަން ބޭނުންކުރަން ފެށުމުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް ޕާކުކުރުމަށް މިވަގުތު ބޭނުންކުރަމުން އަންނަނީ ހަމައެކަނި ނޯތު އޭޕްރަންއެވެ.

ވީއައިއޭގެ ޓްރެފިކް ބޮޑުވުމާ އެކު ރަންވޭ ބިޒީވެ ފްލައިޓްތައް ލޭންޑްކުރުމަށްވެސް ދަތިތަކެއް ދިމާވެފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެގޮތުން ފްލައިޓް ނުޖެއްސި 20 ވަރަކަށް މިނެޓް މަޑުކުރަން ޖެހޭކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ސަބަބުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނު އެޝިއާ ސަރަޙައްދުގައި މިވަގުތު އޮޕަރޭޓްކުރަމުން އަންނަ އެންމެ ބިޒީ އެއް އެއަރޕޯޓެވެ. އޭޕްރިލްމަހުގެ ފުރަތަމަ ދުވަހު އެކަނިވެސް 29 ޕްރައިވެޓް ޖެޓް އެއަރޕޯޓަށް ވަނީ ޖައްސާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ނޮވެމްބަރ މަހާއި ހަމައަށް 1.3 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ގިނަ ރިސޯޓުތަކާއި ބައެއް ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓް މިހާރު ހުރީ 90 ޕަސެންޓާއި 100 ޕަސެންޓުގަ އެވެ.