ޚަބަރު

އަންހެނުން ބާރުވެރިކުރުމަށް މުއައްސަސާތަކުގެ އެއްބާރުލުން ބޭނުން


ދިރިއުޅުމުގެ ކަންކަމުގައި އަންހެނުން ބާރުވެރިކުރުވާ  ހަމަހަމަ ޙައްޤުތަކެއް ހޯދައި ދިނުމަށް ކުރެވޭ މަސައްކަތުގައި މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ނުލިބޭ ނަމަ، އަމާޒަށް ވާސިލު ނުވެވޭނެކަމަށް ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.ބަންޑާރަނައިބު މިހެން ވިދާޅުވީ، ޖިންސުގެ ހަމަހަމަކަން ދެމެހެއްޓުމަށް ފޯކަލް ޕޮއިންޓްތައް ތަމްރީންކުރުމުގެ މަސައްކަތު ބައްދަލުވުން ފައްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.އެއްދުވަހުގެ މުއްދަތަށް ނަސަންދުރާގައި ބޭއްވި ފޯކަލްޕޮއިންޓުން ތަމްރީންކުރުމުގެ މަސައްކަތު ބައްދަލުވުުމުގައި، ސަރުކާރުގެ އެކިއެކި މުއައްސާތަކާއި، އަމިއްލަ ބައެއް ފަރާތްތަކާއި އެކު ޖުމްލަ ތިރީސް ބައިވެރިން ބައިވެރިވެއެވެ.މިމަސައްކަތު ބައްދަލުވުމުގައި ބަންޑާރަ ނައިބު އަނިލް ދެއްކެވި ވާހަކަފުޅުގައި، ދިރިއުޅުމުގެ އެކި ކަންކަމުގައި އަންހެނުން ބާރުވެރި ކުރުވާ، އަންހެނުންނަށް ކުރެވޭ އަނިޔާތައް ހުއްޓުވުމުގައި ސަރުކާރުން ގެންގުޅޭ އަމާޒަށްް ވާސިލްވެވޭނީ ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދީގެންކަމަށް ވިދާޅުވިއެވެ.މިތަމްރީން ޕްރޮގްރާމްގައި ހޮޕް ފޯ ވިމެންގެ ފަރާތުން ބައިވެރިންނަށް މައުލޫމާތުދެއްވާ، ކަމްލާ ބާސިމް ވިދާޅުވީ، މީގެ ކުރިއާއި އަޅާބަލާއިރު ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެ ތަފާތުކުރުންތައް ކުޑަވެފައިވާކަމަށެވެ. އެކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށްވެސް ކަމްލާ ތަޢުރީފް ކުރެއްވިއެވެ.ހޯޕް ފޮރ ދި ވިމެންއާއި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ގުޅިގެން ފެށި ތަމްރީން ޕްރޮގްރާމްގައި، އަންހެނުންނަށް ކުރެވޭ ޖިންސީ ފުރައްސާރަ ހުއްޓުވުމާއި، އަންހެނުން ބާރުވެރި ކުރުވުމުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް މަޝްވަރާ ކުރެވިގެންދާނެކަމަށް ޖެންޑާ މިނިސްޓްރީން މަޢުލޫމާތުދެއެވެ.