ވިޔަފާރި

ވީއައިއޭގެ ތަރައްޤީގެ މަޝްރޫޢުތައް ނިމުމާއިއެކު ފަތުރުވެރިކަމަށް ރަނގަޅު ބަދަލުތައް އަންނާނެ- އެމްއޭސީއެލް


ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ތަރައްޤީގެ މަޝްރޫޢުތައް ނިމުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުން ލިބިގެންދާނެކަމަށް އެމްއޭސިއެލްއިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ވައިގެ ބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީކުރުމުގެ އެންމެ ފަހުގެ ތަފްސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރު މޫސާ ޞާލިހް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ކޮންމެ އަހަރަކުވެސް ކުރިއަރަމުން އަންނަ ދާއިރާއެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕެންސީ ކޮންމެ އަހަރަކު އެންމެ މަދުވެގެން 7 އިންސައްތައަށް އިތުރުވާކަމަށެވެ. މިއާއެކު ރާއްޖޭގެ ޑޮމެސްޓިކް އެއާރލައިންތަކުގެ އޮޕަރޭޝަންތައްވެސް ވަރަށްބޮޑުތަން އިތުރުވެގެން އަންނަކަމަށެވެ.

އެހެންކަމުން ހުޅުލޭގައި އަލަށް އަޅާ ސީޕްލޭން ޓާރމިނަލްއާއި އިންޓަރނޭޝަނަލް ޓާރމިނަލް ތަރައްޤީވުމާއެކު ރާއްޖޭގައި ވައިގެ އޮޕަރޭޝަންތައް ފުޅާވެ، ފަތުރުވެރިކަމަށް ފައިދާކުރާނެކަމަށް މޫސާ ޞޯލިޙް ވިދާޅުވިއެވެ.


މީގެ އިތުރުންވެސް އެއާރޕޯޓުގެ ހުރި ހުރިހާ ވަސިލަތްތަކެއް ކުރިއަށްއޮތް ތަނުގައި ތިން ގުނައަށް ރަނގަޅުވެގެންދާއިރު މިއީ އިޤްތިސާދީގޮތުން ޤައުމަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށް މޫސާ ޞާލިހް ވިދާޅުވިއެވެ.
އެއަރޕޯޓް ތަރައްޤީގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހަކީ ރިކޯޑު އަދަދަކަށް އެއާރޕޯޓުގައި ފްލައިޓުތައް ޖެއްސި ދުވަހެކެވެ. މުޅި އެކު 729 ފްލައިޓް އެއާރޕޯޓުގައި ޖެއްސިއިރު 22-ހާސް ފަސެންޖަރުންނަށް އެދުވަހު ޚިދުމަތްދީފައިވެއެވެ.

މިދުވަސްވަރަކީ ޗުއްޓީއަށް ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ދުވަސްވަރަކަށް ވުމާއިއެކު ފަސެންޖަރުންނަށް ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެމްއޭސިއެލްއިން ދަނީ ގިނަ މަސައްކަތްކުރަމުންނެވެ.