ޚަބަރު

އައު ޤާނޫނުގައި ކުލި ކޮންޓްރޯލް ކުރުމުގެ ބައި ނުހިމެނޭ - މިނިސްޓަރ


އަލަށް އެކުލަވާލާ ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނުގައި ކުލި ކޮންޓްރޯލްކުރުމާބެހޭ ބައި ނުހިމެނޭކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވަލޮޕްމަންޓް އައިމިނަތު އާޠިފާ ވިދާޅުވެއްޖެއެވެ.

މިއަދު ހައުސިންގ މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ އަލަށް އެކުލަވާލަމުންދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤާނޫނު ނުވަތަ "ޓެނެންސީ އެކްޓް" އަކީ ކުލި ކޮންޓްރޯލް ކުރުމަށް އެކުލަވާލާ ޤާނޫނެއް ނޫންކަމަށެވެ. މި ޤާނޫނަކީ އިމާރާތްތައް ކުއްޔަށްދިނުމާބެހޭ މުޢާމަލާތުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ތަފްސީލުތައް ހިމެނޭ ޤާނޫނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި ޤާނޫނުގައި ކުއްޔަށް ދޭ އިމާރާތަކީ ކޮން ފެންވަރެއްގައި ހުންނަންޖެހޭ ތަނެއްކަމާއި، އެޑްވާންސްއަށް ފައިސާ ނެގޭނެ ގޮތްތަކާއި، އެގްރީމެންޓްގެ މުއްދަތު ކަނޑައެޅޭނެ ގޮތްތައްވެސް ބިލްގައި ހިމަނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
"އެ ޤާނޫނަކީ ކުއްޔަށްދޭ މީހާ އާއި ކުއްޔަށް ހިފާ މީހާގެ ޙައްޤުތަކާއި އެތަންތަނުގައި ހުންނަންޖެހޭ އެހެން ޒަރޫރީ ޝަރުތުތައް އެކުލެވޭ ޤާނޫނެއް. އަދި އެ ޤާނޫނު އެކުލަވާލެވިގެންދާނީ ހުރިހާ ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުމާއެކު."
ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވަނީ ބޯހިޔާވަހިކަމަށް އިމާރާތްތައް ކުއްޔަށް ދިނުމާބެހޭ ޤާނޫނު ނުވަތަ "ޓެނެންސީ އެކްޓް" ޑްރާފްޓް ކޮށްދޭނެ ފަރާތެއްހޯދުމަށް އިޢުލާންކޮށްފައެވެ. ހައުސިންގ މިނިސްޓްރީން ވަނީ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤާނޫނު ޑްރާފްޓް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ރާއްޖޭގައި މިހާތަނަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ވަކި ޙާއްޞަ ޤާނޫނެއް ހެދިފައިނުވާއިރު، ކުލީގެ އަގު އިންތިހާއަށް ބޮޑުވެ ކުއްޔަށްދޭ ތަންތަނުގެ ހާލަތު ދައްވަމުންދާ މައްސަލައަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.