ޚަބަރު

ޖެންޑަރ މިނިސްޓްރީއަށް ހުށައެޅޭ މައްސަލަތައް ނިސްބަތުން އިތުރު- މިނިސްޓަރ


ޖެންޑަރ މިނިސްޓްރީއަށް ހުށައެޅޭ މައްސަލަތައްް ނިސްބަތުން އިތުރުވެފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މީޑިއާއަށް ދެއްވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ، މިއަރުގެ މިހާތަނަށް 2300އަށްވުރެ ގިނަ މައްސަލަ އެ މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށެވެ. އަދި މި މައްސަލަތަކުެގ 50 އިންސައްތައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ މި މައްސަލަތައް މަދުކުރުމަށް މިނިސްޓްރީން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައްޔިތުންނާ ވީހާވެސް ގާތުން ޙިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެކި ރަށްރަށުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް 89 ރަށެއްގައި، ރަށުފެންވަރުގެ ކޮމިޓީތަކެއް އުފައްދާފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަަކުރައްވާފައެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުޞަތު ދިނުމަކީވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދީގެން ކުރިއަށްގެންދާ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެފަދަ މީހުންނަށް އެކަށީގެންވާ ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެންމެ ބޮޑަށް މިބަލަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަ ވަޒީފާއަކަށް ފޮނުވުމުގެ ބަދަލުގައި ޤާބިލް ކަމާއި ހުނަރާއި ޝައުގުވެރިކަމަށް ބަލާ ވަޒީފާގެ ފުރުސަތު ތަކަށްބަލާ އެކަށީގެންވާ ރައްކާތެރި މާހައުލެއްގަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުން" މިނިސްޓަރ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ބާޒާރުގައި ހުޅުވާލެވިފައިވާ ވަޒީފާތަކަށް އަމިއްލަ އިޚްތިޔާރުގައި ކުރިމަތިލާ އެމަސައްކަތުން، ދިރިއުޅުން ބައްޓަންކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާއި ނެޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތައް ވެސް ހިނގަމުންދަނީ އެ މިނިސްޓްރީގެ ދަށުންނެވެ.