ޚަބަރު

ޞިއްޙަތަށް ގެއްލުންހުރި އާދަތަކުން ދުރުހެލިވުމަށް ރައީސް ޞާލިޙް އިލްތިމާސްކުރައްވައިފި


ލުއިކާނާއާއި، އެނަރޖީ ޑްރިންކްސް ބޭނުންކުރުން ފަދަ ސިއްޙަތަށް ގެއްލުންހުރި ނުރަނގަޅު އާދަތަކާއި ދުރުހެލިވެ ތިބޭ ބަޔަކަށް ދިވެހިންވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސްކުރައްވާފައެވެ.

ދިވެހި ބޭސްވެރިކަމާއި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ގުޅޭ މަހާސިންތާ އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި، ޙަޤީޤީ ތަރައްޤީއަކީ، އިންސާނާގެ ނަފްސަށާއި، އޭނާގެ ޒާތަށް އަންނަ ތަރައްޤީކަމަށެވެ. އަދި އެތަރައްޤީ ޙާޞިލުކުރެވެނީ، އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީވެ ކުރިއަރައިގެންކަމަށާ ޞިއްޙީ ދުޅަހެޔޮކަން ޙާޞިލުކުރެވިގެން މެނުވީ، އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީޖާއެއް ޙާޞިލެއް ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ދިރިއުޅުމުގެ ނުރަނގަޅު އެތައް އާދަތަކެއް ދިވެހިންގެ ކިބައިގައި އަދިވެސް އެބަހުރިކަމަށާއި، މިއީ ޤައުމީ ތަރައްޤީއަށް އޮތް ނުރައްކަލެއްކަމަށެވެ. އަދި ބޭސްފަރުވާއަށް ކުރާ ހޭދަކުޑަކުރެވޭނީ ސިއްޙަތަށް ފައިދާހުރި ކަންކަމަށް ދޭ އަހަމިއްޔަތުކަން މިހާރަށްވުރެ ބޮޑަށް އިތުރުކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ޖަންކްފުޑްސްގެ ބާވަތްތަކާއި، އެނަރޖީ ޑްރިންކްސްފަދަ ހަކުރުގެ މާއްދާ ގިނައިން އެކުލެވޭ ކެއުންތަކާއި ބުއިންތަކުން ދުރުހެލިވެތިބޭ ބަޔަކަށްވުމަށް ރައީސް ޞާލިޙު ވަނީ އިލްތިމާސްކުރައްވާފައެވެ.

"
ކުލުނުވެރި ޞިއްޙީ ނިޒާމެއް ޤާއިމުކުރެވޭނީ ހަމައެކަނި ރަނގަޅު ބޭސްފަރުވާއަކުންނެއް ނޫން. އެކަން ކުރެވޭނީ ދިރިއުޅުމުގެ ނުރަނގަޅު އާދަތައް ދުރުކޮށް ހެލިފެލިވެ އުޅޭ ހަރަކާތްތެރި ދިރިއުޅުމަކަށް އަޅުގަނޑުމެން މިހާރުންސުރެއް ހިޖުރަކޮށްގެން. ސިއްޙަތަށް ގެއްލުންދެނިވި ކާނާތަކަށް އަލްވަދާޢުކިޔައި ފައިދާހުރި ކާނާއަށް މަރުޙަބާ ކިޔައިގެން. އަޅުގަނޑު މިއަދު ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރަނީ ޖަންކްފުޑާއި، އެނަރޖީ ޑްރިންކްސްތަކާއި، ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި ކާނާތަކަށް ނޫނެކޭ ބުނާ ބަޔަކަށްވުމަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޭސްފަރުވާއަކީ ދުޅަހެޔޮ ޞިއްޙަތެއްގެ އެއް ފަރާތްކަމަށާއި، އޭގެ އަނެއް ފަރާތަކީ ދިރިއުޅުމުގެ ރަނގަޅު އާދަތަކާއި ޞިއްޙަތަށް ފައިދާހުރި ކާނާކަމަށއެވެ.

އަދި ކޮންމެ ޢާއިލާއެއްގެވެސް ވިސްނުން ބަހައްޓަންވީ، އެ ޢާއިލާއެއްގެ ދަރީންނަކީ، ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށްކަމަށާ އިންސާނީ ތަރައްޤީގެ ދާއިރާއަކީ މި ސަރުކާރުން ޚާއްސަ އަހަމިއްޔަތުކަމެއްދީގެން ކުރިއަރުވާނެ ދާއިރާއެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.