ޚަބަރު

ދިވެހި ބޭސްވެރިކަމަކީ ޤައުމީ ތަރިކައެއް، މި ދާއިރާ ދިރުވާ އާލާކުރަންޖެހޭ- ރައީސް ޞާލިޙް


ދިވެހި ބޭސްވެރިކަމަކީ އެވޭލާ ޒަމާނުންސުރެއް ދިވެހިންނަށް ވާރުތަވެފައިވާ ޤައުމީ ތަރިކައެއްކަމަށާއި، ޒަމާނީ ތަރައްޤީއާއެކު ދިވެހި ބޭސްވެރިކަމުގެ ދާއިރާވެސް ކުރިއަރުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ބޭސްވެރިކަމާއި، އޯލްޓަރނޭޓިވް މޭޑިސިން ކުރިއެރުވުމާގުޅޭ މަހާސިންތާ ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ބޭސްވެރިކަމާއި، އޯލްޓަރނޭޓިވް މޭޑިސިން ކުރިއެރުވުމާގުޅޭ މަހާސިންތާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިވެހި ބޭސްވެރިކަމަކީ އެވޭލާ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުންއައި ބޭސްވެރިކަމެއްކަން ދިވެހި ތާރީޚުން އެނގޭ ކަމަށެވެ. އަދި ދިވެހި ބޭސްވެރިކަން މި ޖީލަށް ވާރުތަވެގެން އައީ، ލިޔެކިޔުމުން ރައްކާތެރިކުރުމުގެ ބަދަލުގައި، ބޮޑަށް އެކަކު އަނެކަކުގެ ކިބައިން ނަކަލުކުރެވިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ދުނިޔޭގެ ސިއްޙީ ނިޒާމް މުޅިން ބަދަލުވެފައިވާކަން ފާހަގަކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، ޑޮކްޓަރީ ބޭސްވެރިކަން ކުރިއަރަމުންދިޔަ ނަމަވެސް ހަކީމީ ބޭސްވެރިކަމަށް އަލްވަދާޢުކީ އެއްވެސް ޤައުމެއް ނެތްކަމަށެވެ. އަދި ދިވެހި ބޭސްވެރިކަމަކީ މި ޖީލަށް ވާރުތަވެފައިވާ ޤައުމީ ތަރިކައެއް ކަމަށާއި، ޒަމާނީ ވަސީލަތްތަކާއި، ސައިންސްގެ ހޯދުންތަކުގެ އަލީގައި ދިވެހި ބޭސްވެރިކަމަށް ދިރުން ހޯދަންޖެހޭކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"ދިވެހި ބޭސްވެރިކަމަކީ އަމިއްލަ ތަޖުރިބާއާއި ހޯދުންތައް ވަރަށް ބޮޑަށް އެކުލެވިފައިވާ ޢިލްމެއް. ހަމައެފަދައިން ދިވެހި ބޭސްވެރިކަމަކީ، ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއްވެސްމެ. އެ ތަރިކަ ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް. އެކަން ކުރެވޭނީ މިޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާ އެއްގޮތަށް ދިވެހި ބޭސްވެރިކަން ވެސް ކުރިއަރުވައިގެން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިވެހި ބޭސްވެރިކަމުގެ ދާއިރާއަކީވެސް ރާއްޖޭގެ ސިއްހީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެއްކަމަށާއި، މި ދާއިރާގެ ކަންކަންވެސް ތަރުތީބުވެގެން ދިއުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ޕްރޮފެޝަނަލް ނޫން ބައެއްގެ އަތްމައްޗަށް މިފަދަ ދާއިރާއެއް ދޫކޮށްލެވިގެން ނުވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ ސިއްހީ ސިޔާސަތުތަކަށް އިޝާރާތްކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަކީ ޤައުމުގެ ތަރައްޤީއަށް މުހިއްމުކަމެއްކަމަށާއި، ދިރިއުޅުމުގެ ރަނގަޅު އާދަކާދަތައް ޕްރޮމޯޓް ކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށެވެ. އެގޮތުން ތުއްތު އިރުންސުރެއް ސިއްޙަތަށް ފައިދާހުރި ކަންކަމަށް ބާރުއަޅާނަމަ، ބޭސްފަރުވާއަށް ކުރަންޖެހޭ ހޭދަވެސް ކުޑަ ކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަނގަޅު ނާސްތާއަކުން ތުއްތުކުދިންގެ ދުވަސް ފެށުމަކީ އެކުންދިންގެ ވިސްނުން ފުރިހަމަވެ، ހެދިބޮޑުވުމުގެ ފުރަތަމަ ފިޔަވަޅު. ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ސަރުކާރުން ނިންމީ މި ޤައުމުގެ ތަރައްޤީގެ ލަނގަނުގައި މާދަމާ ހިފާނެ ބަޔަކީ އެކުންދިން ކަމަށްވާތީ. އެކުންދިންގެ ވިސްނުމާއި ބުއްދި ތަރައްޤީކުރެވިގެންނޫނީ، ޤައުމު ތަރައްޤީއާމެދު އެކުދިންގެ ސިކުނޑިއެއް ނުހުޅުވޭނެ.." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، މި މަހާސިންތާގެ ތެރެއިން ދިވެހި ބޭސްވެރިކަމާއި، އޯލްޓަރނޭޓިވް ބޭސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ހުށަހަޅާ ކަންކަން ސަރުކާރުން ބަލައިގަނެ، އެކަންކަން ތަންފީޒުކުރުމަށްޓަކާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.