ޚަބަރު

ދިވެހިރާއްޖެއިން ލަގްޒަމްބާގަށް ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި


  • އެކަމަނާއަކީ ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު

ލަގްޒަމްބާގަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ނޮން ރެސިޑެންޓް ސަފީރު، ގީލާ އަލީގެ މަޤާމުގެ ފަތްކޮޅު ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް ހެންރީ އަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކަލް ޕެލެސް ގައެވެ.

ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ޤީލާ އަލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ އާއި ލަގްޒަމްބާގު އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ އެރުވިއެވެ.

މީގެއިތުރުން، ލަގްޒަމްބާގުގެ ދަ ގްރޭންޑް ޑިޔުކް، ސަފީރު ޤީލާ އަށް މަރުހަބާ ވިދާޅުވެ ދިވެހިރާއްޖެ އާއި ލަގްޒަމްބާގު އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޤީލާ އަރިހުގައި އެކަމަނާގެ ފިރިކަލުން، އަލްފާޟިލް އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އަލްފާޟިލް މުހައްމަދު ޝައްފާއު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.

ލަގްޒަމްބާގަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގެ އިތުރުން، ގީލާއަކީ ރާއްޖެއިން ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރެވެ.