ޚަބަރު

ދިވެހި ބޭސްވެރިކަން ކުރިއެރުވުމާގުޅޭ މަހާސިންތާ ފަށައިފި


ދިވެހި ބޭސްވެރިކަމާއި އޯލްޓަރނޭޓިވް މެޑިސިންގ ކުރިއެރުވުމާ ގުޅޭ މަހާސިންތާ ފަށައިފިއެވެ.
ހޮޓެލް ޖެންގައި ކުރިއަށްދާ މި މަހާސިންތާ ރަސްމީކޮށް ފަށްޓަވައިދެއްވީ ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ދިވެހި ބޭސްވެރިކަމާއި އޯލްޓަރނޭޓިވް މެޑިސިންގ ކުރިއެރުވުމާ ގުޅޭ މަހާސިންތާއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިން ފުރިހަމަ ކުރުމަށް ވަޢުދުވެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިފަދަ މަހާސިންތާއެއް ބޭއްވުމުގެ މަޤުސަދަކީ ދިވެހި ބޭސްވެރިކަމާއި 'އޯލްޓަނޭޓިވް މެޑިސިންގ' ދިރުވާ އާލާކޮށް ކުރިއެރުވުން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މި މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ޑޮކްޓަރީބޭހާއެކު ދިވެހި ބޭހަށް އޮންނަ މަޤުބޫލުކަން ކުޑަވެ، ދިވެހި ބޭސް ބޭނުންކުރާ މީހުންގެ އަދަދު މަދުވިނަމަވެސް، ދިވެހި ބޭސްވެރިކަމަކީ އަދިވެސް ރާއްޖޭގެ ސިއްހީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަމަށެވެ. އަދި މިފަދަ މަހާސިންތާއެއްގެ ސަބަބުން ދިވެހި ބޭސްވެރިކަން ދިރުވާ އާލާކުރުމަށާއި، އެ ދާއިރާއަށް ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށެވެ.

ދިވެހި ބޭސްވެރިކަމަކީ ދިވެހި ވަންތަކަމުގެ އެއް ރަމްޒުކަން ފާހަގަކުރައްވާ ހެލްތް މިނިސްޓަރ ވިދާޅުވީ، ދިވެހި ބޭސްވެރިކަމާގުޅުންހުރި ލިޔެކިޔުންތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވިނެތުމަކީ މިދާއިރާއަށް ލިބިފައިވާ ވަރަށް ބޮޑު ހީނަރުކަމެއްކަމަށެވެ. އަދި މިއީ އަލުން ދިރާސާކުރަންޖެހޭ ކަމެއްކަމަށާއި، ދިވެހި ބޭސްވެރިކަމުގެ ޢިލްމު ކުރިއަށްނެރެ، ސިއްހީ ދާއިރާ ހަރުދަނާކުރުމުގައި ދިވެހި ބޭސްވެރިކަން ބޭނުންކުރާނެކަމަށެވެ.

އެއް ދުވަހުގެ މުއްދަތަކަށް ހޮޓެލް ޖެންގައި ކުރިއަށްދާ މި މަހާސިންތާގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ދިވެހިބޭސްވެރިންނާއި 'އަލްޓަނޭޓިވް މެޑިސިންގ' ދާއިރާގެ ބޭފުޅުންނާއި މިކަމަށް ޝައުޤުވެރިވާ އާއްމު ފަރާތްތައް ހިމެނެއެވެ. މި މަހާސިންތާގައި މި ދާއިރާތަކުން މިހާރު ހޯދިފައިވާ ހޯދުންތަކާއި، މިކަންކަން ކުރިއެރުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް އެފަރާތްތަކާއެކު މަޝްވަރާކުރެވޭނެއެވެ.

މީގެ އިތުރުން ދިވެހި ބޭހާއި، 'އޯލްޓަނޭޓިވް މެޑިސިންގ'އަށް ދުނިޔޭގެ ފެންވަރުގައި ދީފައިވާ ޚާއްސަކަމާއި، ބޭނުންކުރާނެ ގޮތާމެދު މަޝްވަރާކުރުންވެސް މި މަހާސިންތާގައި ހިމެނެއެވެ. އަދި މި މަޝްވަރާތަކަށް ބިނާކޮށް ދިވެހިބޭހާއި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލެވޭނެކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދިވެހި ބޭސްވެރިކަން ކުރާ 59 ފަރާތަކުން އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާއިރު، ހަކީމީ ބޭސްވެރިކަންކުރާ 5 ފަރާތަކާއި، އޯލްޓަރނޭޓިވް ބޭސްވެރިންގެ ގޮތުގައި 19 ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ.