ޚަބަރު

ތެލެސީމިއާ ތަހަންމަލްކުރަމުންދާ މީހުންގެ ފަރުވާއަށް ސަރުކާރުން އަހަރަކު ދޮޅުލައްކައެއްހާ ރުފިޔާ ޚަރަދުކުރޭ- ހެލްތް މިނިސްޓަރ


ތެލެސީމިއާ ތަހަންމަލްކުރަމުންދާ މީހުންގެ ފަރުވާއަށް އަހަރަކު ދޮޅުލައްކައެއްހާ ރުފިޔާ ސަރުކާރުން ޚަރަދުކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ ކުދިންގެ ފަރުވާ އާއި ލޭ ގެންގުޅުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ ބްލަޑް ޕޮލިސީ އިފްތިތާޙް ކުރުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ތެލެސީމީއާގެ ފަރުވާއަކީ އަގުބޮޑު ފަރުވާއެއްކަމަށެވެ. އެގޮތުން ތެލެސީމިއާ ތަހަންމަލްކުރާ ބޮޑެތި މީހުން ނުވަތަ، އެޑަލްޓް ޕޭޝަންޓަކަށް މަހަކު ގާތްގަޑަކަށް 12000 ރުފިޔާ ދަޢުލަތުން ޚަރަދުކުރާކަމަށެވެ. އަދި އަހަރަކަށް ދޮޅު ލައްކައެއްހާ ރުފިޔާ މިފަދަ މީހުންގެ ފަރުވާއަށް ހޭދަކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އުފަންވާ ކުދިންގެ ތެރެއިން ތެލެސީމިއާ ތަހަންމަލްކުރާ ކުދިންގެ ނިސްބަތް މަދު ނުކުރެވިއްޖެނަމަ އެފަދަ ކުދިންނަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާނެ ކަމަށެވެ. އެހެންކަމުން ތަލެސީމިއާއަށް އާއްމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ އެކަށީގެންވާ މަޢުލޫމާތު ހޯދުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

"ތެލެސީމިއާ ފަރުވާއަށް އައި ކުރިއެރުމާއެކު ތެލަސީމިއާ ކުދިންގެ އެވްރެޖް އުމުރު މަތިކުރެވިފައިވުމަކީ ވެސް ފާހަގަކޮށްލަންޖެހޭ ކަމެއް. ނަމަވެސް މި ހުރިހާ ޕޭޝަންޓުންނަށް ބޭނުންވާ އެންމެ އެކަށީގެންވާ ފަރުވާ ފޯރުވާ ދެވޭނީ ތެލެސީމިއާ އިތުރުވާ ނިސްބަތް ދަށްކުރެވިގެން. މިގޮތުން ޒަވާޖީ ހަޔާތެއްފެށުމުގެ ކުރިން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި މިކަމަށް ވިސްނަންޖެހޭ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ތެލެސީމިއާ ތަހަންމަންކުރާ ބޮޑެތި މީހުންނާއި ކުޑަކުދިންގެ ގޮތުގައި 880 މީހުން ރަޖިސްޓްރީ ވެފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން މައުލޫމާތުދެއެވެ. އަދި ރާއްޖޭގެ އާބާދީގެ 40 އިންސައްތައަކީ ތެލެސީމިއާގެ އެކިވައްތަރުގެ ކެރިއަރުންކަމަށް ދިރާސާތަކުން ދައްކައެވެ.

ތެލެސީމިއާކުދިންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު 2017 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރު ރަޖިސްޓަރ ވެފައިވާ ކުދިންގެ އަދަދު ގިނައެވެ. އެގޮތުން 2017 ވަނަ އަހަރު ތެލެސީމިއާ ކުދިންގެގެ ގޮތުގައި 11 ކުދިން ރަޖިސްޓަރ ކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް 18 މީހުން ވަނީ ރަޖިސްޓަރ ކޮށްފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއެކު އެކުއްޖަކު ނުވަތަ އެމީހަކު ދިރިއުޅޭ ސަރަހައްދަކުން ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުންވެސް ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި މިފަދަ ކުދިންނަށް ޚާއްސަކޮށްގެން ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ވެސްވަނީ ހަމަޖެހިފައެވެ.
އެގޮތުން މާސް ޕޮޕިއުލޭޝަން ސްކްރީންނިން ޕްރޮގްރާމްއާއި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރުންފަދަ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.