ނިމިގެން ދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ރަނގަޅުވެފައިވާ ކަމަށާއި، ނަތީޖާ ރަނގަޅު ކުރެވުމުގެ އެންމެ ބޮޑު ސަބަބަކީ ޓީޗަރުންނާއި ބެލެނިވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރެވުނު ހަރުދަނާ މަސައްކަތްތައް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.ނިމިގެންދިޔަ 2014 ވަނަ އަހަރުގެ އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ބޭއްވުނު ކެމްބްރިޖް އޯޑިނަރީ ލެވެލް އިމްތިހާނުގެ ނަތީޖާއާއި ބެހޭގޮތުން އެމްބީސީގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ އޯލެވެލް އިމްތިހާނުގެ ނަތީޖާ އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަކަމަށެވެ. އަދި ފަސްމާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް ނިމިގެން ދިޔަ އަހަރުވެސް އިތުރު ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މީގެ އިތުރުން މާލެއާ އަތޮޅު ތެރޭގެ ސްކޫލް ތަކުގައި ދަރިވަރުން ހޯދާ ނަތީޖާގެ ފަރަގު މިހާރު ނައްތާލެވިފައިވާކަމަށާ އެއީވެސް ހޯދިފައިވާ ކާމިޔާބީއެއް ކަމުގައެވެ. އަދި މިއަހަރު ތަންފީޒުކުރަން ފެށި އާ މަންހަޖުގައި އެންމެ ބޯޑަށް އިސްކަމެއް ދެވިފައިވާނީ ސަރުކާރުގެ އަމާޒެއްކަމުގައިވާ އެއްވެސް ކުއްޖަކު ބާކީ ނުކުރާ ސިޔާސަތު ތަންފީޒު ކުރުން ކަމަށާ އެ ސިޔާސަތުގެ ތެރެއިން ކުދިން ތަމްރީނުކުރެވޭނީ މުޖުތަމައުގައި އެހެން މީހުންނާ އެކު އުޅެވޭނެ ފަދަ ބަޔަކަށް ހެދުމަށް ކަމުގަ ވިދާޅުވިއެވެ.މި ޕްރޮގްރާމްގެ ދަށުން މިހާރުވެސް ކުރިއަށްގެންދާ ދަސްވާރު ޕްރޮގްރާމް އާއި ބީޓެކް ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިންނަށްވެސް އޯލެވެލް އާއި އެއްފެންވަރުގެ ސެޓްފިކެޓްއެއް ލިބިގެންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.ޖުމްލަ 194 ސްކޫލަކުން މިދިޔަ އަހަރު ގެ އޯލެވެލް އިމްތިހާނުގައި ކުދިން ބައިވެރި ކޮށްފައިވާއިރު 5 މާއްދާއަށް ވުރެ އިތުރަށް ފާސްވި ކުދިންގެ ނިސްބަތް 60 އިންސައްތަ އަށްވުރެ މަތީގައި ވާކަމަށާ، ނަމަވެސް މި ނަތީޖާ އަކީ ވަގުތީ ނަތީޖާ އަށް ވުމުން މިއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.