ވިޔަފާރި

މުދާ އެތެރެ ކުރުމުގައި ފަސޭހަގޮތްތަކެއް ހަމަޖައްސައިފި


ރާއްޖެއަށް މުދާ އައުމުގެކުރީން މުދަލުގެ ލިޔެކިއުން ނިންމޭގޮތަށް ކަސްޓަމްސް އިން ހަމަޖައްސައިފިއެވެ.

 މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ މިއަހަރުގެ ބައިނަލް ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ހާއްސަ ހަފްލާގައި މިނިސްޓަރީ އޮފް ހޯމް އެފެއަރޒް ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ވަޑައިގެންހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް  އަޙުމަދު އަދީބެވެ.

މިޙިދުމަތުގެ ސަބަބުން މުދަލުގެ މެނިފެސްޓް ކަސްޓަމްސްގައި އެންޓަރކުރާގޮތަށް މިހާރު އޮތްއޮތުން ބަދަލުކޮށް މުދާ ރާއްޖެއަށް އައުމުގެކުރީންވެސް މުދަލާބެހޭ އެންމެހާ ލިޔުންތައް ކަސްޓަމްސްއިން ނިންމާ މިހާރަށްވުރެ އަވަހަށް މުދާ ކްލިއަރކޮށް ދޫކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އަމިއްލަ ފަރާތްތަކުންނާއި ދަތުރުވެރީން އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެތީގެ މައުލޫމާތު ކަސްޓަމްސް އަށް ޑިކްލެއާކުރުމަށްޓަކައި ކަސްޓަމްސްގައި މިހާރު ބޭނުންކުރާ ގުޑްސް ޑިކްލަރޭޝަންގެ ބަދަލުގައި ވީހާވެސް މަދު މައުލޫމާތު ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ "ސިމްޕްލިފައިޑް ކަސްޓަމްސް ޑިކްލަރޭޝަން" ގެ ޚިދުމަތްވެސް މިއަދުގެ ހަފްލާގައިވަނީ އިފްތިތާޙްކޮށްފައެވެ. މިޚިދުމަތުގެ ސަބަބުން ހާއްސަކޮށް އަމިއްލަ ފަރާތްތަކުން ގެންނަމުދާ ކްލިއަރކުރުމަށް މިހާރު ހޭދަވާ ވަގުތު މަދުކުރެވިގެންދާނެ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

ކަސްޓަމްސްގެ އަމާޒަކީ މިއަދު އިފްތިތާހު ކުރެވުނު ނިޒާމުގެ ތެރެއިން ހުށައަޅާ ހުރިހާ ޑިކްލަރޭޝަނެއް ހުށަހަޅާތާ 3 ގަޑި އިރު ތެރޭ، ލަސްވެގެން 24 ގަޑި އިރުތެރޭގައި ނިންމާދިނުންކަމަށާއި މިބަދަލާ ގުޅިގެން، މިކަމުގެ ފައިދާ، ވިޔަފާރިވެރިންނަށާއި އަމިއްލަ ފަރާތްތަކަށް ލިބިގެންދާނެކަމަށް ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަހުމަދު ޒުހޫރު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، މިއަދު އިފްތިތާހް ކުރެވުނު ދެ ޚިދުމަތަކީ ޓްރޭޑް ފެސިލިޓޭޝަންއަށްޓަކައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށާއި، މީގެ  ސަބަބުން ވިޔަފާރިތަކަށް ފަހިކަން ލިބިގެންދާނެ ކަމަށެވެ.

އަދި ރާއްޖެއަށް މުދާ އެތެރެކުރުމުގައި އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓްރޭޑް މިނިސްޓްރީ އާއި ކަސްޓަމްސް ސާވިސްއިން ގުޅިގެން ގާއިމްކުރާ ނޭޝަނަލް ސިންގަލް ވިންޑޯ ގެ މަސައްކަތް މި އަހަރުތެރޭ ނިމޭނެ ކަމަށް ލަފާކޮށްފައިވާ އިރު އެ އިންތިޒާމް ހަމަޖިހިގެން ދިޔުން ވެގެންދާނީ ރާއްޖޭގެ ވިޔަފާރީގެ ސިނާއަތައް ފަހުގެ ތާރީހެއްގައި ލިބެގެންދާ އެއްމެ ބޮޑު ކާމިޔާބީކަމަށް މިނިސްޓަރ ސައީދް ވިދާޅުވިއެވެ.

މި ޖަލްސާގައި ވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާއިން ދޭ 'ސެޓްފިކެޓް އޮފް މެރިޓް' ހާސިލްކުރި ކަސްޓަމްގެ މުއައްޒިފުންނަށް އެ ސެޓްފިކެޓް ހަވާލްކޮށްފައި، އަދި އެކި ދާއިރާތަކުން ކަސްޓަމްސް އަށް ހިދުމަތްކޮށްދެއްވި ފަރާތްތަކަށްވެސް ވަނީ ސެޓްފިކެޓް ހަވާލްކޮށްފައެވެ.