ޚަބަރު

މަސްތުވާތަކެއާޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށް ހިންގާ އޮޕަރޭޝަން ފަށައިފި


މަސްތުވާތަކެއާޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށް ކުއްތާ ބޭނުންކޮށްގެން ފުލުހުން އޮޕަރޭޝަން ފަށައިފިއެވެ.

އިއްޔެފެށި މިއޮޕަރޭޝަނުގައިވަނީ ސިނަމާލެ ބްރިޖް ސަރަޙައްދުން ދުއްވާ އުޅަނދުތައް ޗެކްކޮށްފައެވެ. އެގޮތުން މާލެއާއި ހުޅުމާލެ އަދި ހުޅުލެއާއި ދެމެދު ދަތުރުކުރާ ސައިކަލާއި 4 ފުރޮޅުލީ އުޅަނދުތައްވަނީ ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނީ ލިބިފައިވާ ބައެއް މަޢުލޫމާތާ ގުޅިގެން ބައެއް ތަންތަންވެސް ބަލައި ފާސްކޮށައިވާކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނާއި ގުޅިގެން މިހާތަނަށް މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ފެނިފައިވާކަން ނުވަތަ ބަޔަކު ހައްޔަރުކޮށްފައިވާކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަނަކީ މާލެއާއި، މާލެ ކައިރި ރަށްތައްވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އެގޮތުން ކައިރި ރަށްތަކުގައިވެސް ފާހަގަވެފައިވާ ބައެއް ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެކި ސަރަޙައްދުތަކުގައި ޗެކް ޕޮއިންތައް ޖަހައިގެން ދަނީ ބަލާ ފާސްކުރަމުންނެވެ.

މި އޮޕަރޭޝަނަކީ އާ އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި، އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމަށް ފެށި އޮޕަރޭޝަނެކެވެ.

ކުއްތާ ނުވަތަ ފާރަގެމަ ބޭނުންކޮށްގެން މީގެކުރިންވެސްވަނީ އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައެވެ.
ސަރުކާރުންވަނީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމާއު ސަލާމަތްކުރުމަށް މަސައްކަތްތަކެއް ފެށުމަށް ނިންމާފައެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރ ޤާއިމުކުރުމާއި، އަދި މިކަމުން ސަލާމަތްވާން ބޭނުންވާ ފަރާތްތަކުގެ ނެޓްވޯކެއް ޤާއިމުކޮށް، މަސްތުވާތަކެއްޗާއި ދުރަށް ދިއުމަށް އެހީތެރިވެދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ.