ވިޔަފާރި

އެމެރިކާ އަދި އިޓަލީގައި ރާއްޖެ އިޝްތިޙާރުކުރާނެ އެޖެންސީއެއް ހޯދަނީ


އެމެރިކާ އަދި އިޓަލީގައި ދިވެހިރާއްޖެ އިޝްތިޙާރުކުރާނެ އެޖެންސީއެއް ހޯދުމަށް އެމްއެމްޕީއާރުސީން އިޢުލާންކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް މި 2 ޤައުމުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އީ-މެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެކަމަށެވެ. މިކަމަށް ކުރިމަތިލާ އެޖެންސީތަކަކީ އެމެރިކާ އަދި އިޓަލީގެ ފަތުރުވެރިކަމުގެ މާކެޓާބެހޭ މައުލޫމާތު އެނގޭ، އަދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާނެ ގޮތްތައް އިނގޭ އެޖެންސީއަކަށް ވާންޖެހޭނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

މީގެއިތުރުން ޓްރެވެލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުމާއި، އެޖެންސީގެ އޮފީހެއް އެމެރިކާ އަދި އިޓަލީގައި ހުރުމާއި، މާލީ ޙާލަތު ރަނގަޅު އެޖެންސީއަކަށްވެސް ވާންޖެހޭނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ވަނީ މީގެ ކުރިން އޮސްޓްރޭލިއާގައިވެސް ރާއްޖެ އިޝްތިހާރުކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަމެކެވެ. އެގޮތުން ސަރުކާރުން ވަނީ، ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އޮންނަ ބަޖެޓުވެސް މީގެކުރީ އަހަރުތަކަށްވުރެ 3 ގުނަ ބޮޑުކޮށްފައެވެ.