ޚަބަރު

އުމްރާނީ ތަރައްޤީ ގެންނައިރު، އަސާސީ ޚިދުމަތްތައް ދެވޭނެތޯ ކަށަވަރުކުރަންޖެހޭ - އާޒިމް


އުމްރާނީ ބޮޑެތި ތަރައްޤީތަކެއް ޤައުމަށް އަންނައިރު އަސާސީ ޚިދުމަތްތައް ދިނުމުގެ ހަރުދަނާ އުސޫލެއް މިހާރުން މިހާރަށް ޤާއިމުކުރަންޖެހިފައިވާކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ. އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، މާލޭގެ ނަރުދަމާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ޕްލޭންތަކެއް ނެތި ގިނަ އަދަދެއްގެ ބަޔަކު އާބާދުވުގެ ސަބަބުން ދިމާވާ މައްސަލަތަކެއްކަމަށެވެ. ފެނާއި، ނަރުދަމާގެ ޚިދުމަތަކީ އަސާސީ ޚިދުމަތްކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ތަނެއްގައި ބައެއް އާބާދުކުރާއިރު މި ޚިދުމަތް ދިގުމުއްދަތަކަށް އަދި ބޮޑު އާބާދީއަކަށް ފޯރުކޮށްދެވޭނެވަރުގެ ނެޓްވޯރކްތަކެއް އެޅުމަކީ މުހިންމު ކަމެއްކަމަށެވެ.

މާލޭގެ މަގުތަކުގައި ހުރި ޖަންގްޝަންތަކުން ނަޖިސް އަރާ މައްސަލަ ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މާލޭގައި ނަރުދަމާގެ ނެޓްވޯރކް އެޅިއިރު މާލޭގެ އާބާދީއަކީ 47 ހާސްކަމަށާއި، ނަރުދަމާ އަޅާފައިވަނީ ގިނަވެގެން އެއް ލައްކަ މީހުންގެ އާބާދީއަށް ބޭނުންކުރެވޭވަރަށް ކަމަށެވެ. އަދި މިފަދަ މައްސަލަތައް ކުރިމަތިވަމުންދަނީ މާލޭގައި ދެ ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން މިހާރު ދިރިއުޅެމުން އަންނާތީ، ކެޕޭސިޓީއަށްވުރެ ބޮޑަށް ނަރުދަމާގެ ނިޒާމު ބޭނުންކުރަންޖެހުމުންކަމަށް އާޒިމް ވިދާޅުވިއެވެ. މި މައްސަލައަށް ކަމާބެހޭ ވުޒާރާތަކާއި، މާލޭ ސިޓީ ކައުންސިލާ މަޝްވަރާކޮށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

"
"25 ބުރިއާއި އެކި ބުރިބުރިއަށް އިމާރަތްތަށް ނަގަމުންދާއިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ މިކަންކަން ކުރުމުގެ ކުރިން އެތާގައި އުޅޭ އާބާދީއަށް ކޭޓަރ ކުރެވޭ ވަރަށް ޔޫޓިލިޓީ އެބަހުރިތޯ. މާލެއަށް މިހާރު ކުރިމަތިވެގެން މިއުޅޭ މައްސަލަތަކަކީ މި ސަބަބަށްޓަކައި ކުރިމަތިވެގެން އުޅޭ މައްސަލަތަކެއް. ހުޅުމާލެ ފޭސް އެކެއްގައިވެސް މި މައްސަލަ ކުރިމަތިވަމުން މިހާރު އެބަދޭ. އަޅުގަނޑުމެން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް މާލޭގެ އާބާދީ އިތުރުވިޔަ ނުދިނުމަށް މަސައްކަތްކުރަން މަޝްވަރާކޮށްފައިވާނީ."
އާދަމް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގެ ނަރުދަމާ ހޮޅިތައް ސާފުނުކުރާތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، މިއީ ކުރީ ސަރުކާރުގެ ފެއިލިއަރއެއްކަމަށެވެ. އެމްޑަބްލިއުއެސްސީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މާލޭގައި އިތުރު ފެން ޕްލާންޓްތަކެއް ބަހައްޓަން ނިންމާފައިވާކަމަށާއި، އެމްޑަބްލިއުއެސްސީންދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް ފަސޭހައިން ލިބިގެނެވޭ ޚިދުމަތްތަކަކަށް ހެދުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުނާ ރައްޓެހި ޚިދުމަތެއް ދިނުން. މިކަމަށްޓަކައި އަޅުގަނޑު މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ނޫން ހުރިހާ މުވައްޒަފުންނާއި ވަކިވަކިން ބައްދަލުކޮށް ހުރި މައްސަލަތަށް ބަލައިފިން. ހަޤީޤަތުގައި ގަރައުންޑްގައި އޮޕަރޭޝަންސްގައި އުޅޭ މީހުންނަށް އަސްލު މައްސަލަތަށް އިނގޭނީ. އެހެންގޮތްގޮތަށް އުޅެގެން ޚަރަދުތަށް ބޮޑުވެ އިތުރު ގިނަ މައްސަލަތަކެއް އުފެދެން މެދުވެރިވާތަން ފެނިގެން ގޮސްފައިވަނީ." އާދަމް އާޒިމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން އެމްޑަބްލިއުއެސްސީގައި ގިނަ ކަންތައްތަކެއް ޤާނޫނާއި ޚިލާފަށް ކޮށްއިވާކަން ހާމަކުރައްވަމުން އާޒިމް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ގިނަ އަދަދެއްގެ ސަޕްލަޔަރުންނަށް ގަޑިންގަޑިއަށް ފައިސާ ނުދައްކާވާކަން ފާހަގަކުރެއްވިއެވެ.