ޚަބަރު

އިންޑިއާގެ 66ވަނަ ޖުމްހޫރީދުވަސް މާލޭގައި ފާހަނގަކޮށްފި


އަލަށް ތަޢާރަފްކުރާ ޤާނޫނުތަކާއެކު ރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް އުފެދިގެންދާނެ ކަމަށާއި، އެއާއެކު އިންޑިއާގެ އައު އިތުރު މަޝްރޫޢުތަކެއް ރާއްޖެ އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ޚާރިޖީ ވަޒީރު މިހެންވިދާޅުވީ، އިންޑިއާގެ ފަސްދޮޅަސް ފަސްވަނަ ޖުމްހޫރީދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ ވާހަކަފުޅު ދައްކަވަމުންނެވެ.މި ރަސްމިއްޔާތުގައި ޚާރިޖީވަޒީރު ދުންޔާ މައުމޫނުދެއްކެވި ވާހަކަފުޅުގައި މިއަހަރަކީ ދެގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންގޮސްދޭނެ އަހަރަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއޖެއަށް ވިޔަފާރީގެ ދާއިރާއިން ގިނަ އިންވެސްޓްމަންޓްތައް ގެނައުމަށް ދެގައުމުގެ ކަމާގުޅުންހުރި ދާއިރާތަކުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އަގުނުކުރެވޭހާ ގާތް ބައިވެރިއެއްކަން ފާހަގަކުރައްވާ ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ،ދެގައުމުގެ ދެމެދުގައިވާ ތަފާތުތަކާއިއެކުވެސް ސުލްހަވެރިކަމާއެކު ކުރިއަރައި ދެވިދާނެކަން އިންޑިއާ އިން ސާބިތުކޮށްދީފައިވާކަމަށެވެ. ހާއްސަކޮށް އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އިންޑިއާއިން ވެދެއްވާ އެހީތެރިކަން މިނިސްޓަރ ދުންޔާ ފާހަގަކުރެއްވިއެވެ. އެގޮތުން މީހުން ބިނާކުރުމަށް އިންޑިއާއިން ދޭ ސްކޯލާޝިޕް ފުރުސަތުތަކަކީ ވަރަށް ބޮޑު އެހީތެރިކަމެއްކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ.މިރަސްމިއްޔާރުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ގުޅުން އެވާހަކަތައް ތަކުރާރު ކުރެވޭވަރަށްވުރެ ގާތްކަމަށާއި، އެކަން ދެގައުމު ގުޅުވައިދޭ އިންޑިއާކަޑުން ހާމަވެގެންދާކަމަށް ވިދާޅުވިއެވެ. ރޭގެ ރަސްމިއްޔާތުގައި ސަފީރުވަނީ، އިންޑިއާ ކުރިއަރައި ގޮސްފައިވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.އިންޑިއާގެ 66 ވަނަ ޖުމްހޫރީ ދުވަސް ފާހަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ވަނީ އިންޑިއާގެ ސަގާފަތް ދައްކުވައިދޭ ގިނަ ހަރަކާތްތަކެއް ހުށައަޅާދީފައެވެ.ރޭގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.