ޚަބަރު

އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ޤައުމީ ކެމްފެއިން ފަށައިފި


ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މި ސަރުކާރުގެ އެއް ވަޢުދުކަމަށާއި، އެކަން ހާސިލްކުރުމަށް މިހާރުވެސް ގިނަ ކަންތައްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ފުޅިއާއި ކޮތަޅު މަދުކުރުމަށް ސަރުކާރުން ހިންގާ ޤައުމީ ކެމްޕެއިން ރަސްމީކޮށް ފެށުމާއި، އަންނަ އަހަރު ގްރޭޑް 1 އާއި ޔޫކޭޖީގައި ކިޔަވާ ދަރިވަރުންނަށް މި ކެމްޕެއިންގެ ދަށުން ތިމާވެއްޓާ ރައްޓެހި ފެންއަޅާފުޅި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ޔުނިސެފާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވީ، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމަށްވާއިރު، މިއަދު މި އެޅުނު ފިޔަވަޅަކީ ޕްލާސްޓިކް މަދުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޞީރު ވިދާޅުވީ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ސަރުކާރުގެ ހުރިހާ އިދާރާއެއްގައިވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. އަދި ދިވެހިން ގެންގުޅޭ އާދަކާދަ ބަދަލުކޮށް އަމިއްލަ ދިރިއުޅުމުގައިވެސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުން މުހިންމުކަމަށް ނަޞީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މުޙައްމަދު އަލް މުނީރު ވިދާޅުވީ ޔުނިސެފަށް މިފަދަ ކަމެއްގައި އެހީތެރިވުމުގެ ފުރުޞަތު ލިބުމަކީ އެޖަމްޢިއްޔާއަށް ލިބިގެންދާ ޝަރަފެއްކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހިގޮތަށް ތައްޔާރުކޮށްފައިވާ 9500 ފުޅި ޔުނިސެފުން އެންވަޔަރުމަންޓް މިނިސްޓްރީއާ ހަވާލުކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ އަހަރު ގްރޭޑް އެކަކާއި ޔޫކޭޖީގައި ކިޔަވާ ދަރިވަރުންނަށް ތިމާވެއްޓާ ރައްޓެހި ފެންއަޅާފުޅި ހަވާލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާލޭގެ 14 ސްކޫލަކަށާއި 5 ޕްރީ ސްކޫލަކަށް ތިމާވެއްޓާ ރައްޓެހިގޮތަށް ތައްޔާރުކޮށްފައިވާ ފުޅި ހަދިޔާކޮށްފައެވެ. މި ފުޅިތައް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ގްރޭޑް 1 ގައި ކިޔަވާ ދަރިވަރުންނަށެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޤައުމީ ކެމްޕެއިން ސަރުކާރުން ވަނީ ފަށާފައެވެ. މި ކެމްޕެއިނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ބައެއް އިދާރާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންވެސް ވަނީ މި ކެމްޕެއިނުގައި ބައިވެރިވެ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާފައެވެ.